English Edition
Dhivehi Edition

ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން މުހައްމަދު ނިޒާމާއި އެފްއޭއެމުން  ޙަވާލުކޮށްފިއެވެ.

އައްޑޫ ސިޓީ ފޭދޫއަށް އުފަން މުހައްމަދު ނިޒާމް (ޖޯޖްގެ ނިޒާމްބެ) އަކީ، ވެލެންސިއާ އަދި އައި އެފްސީގެ ތެރެއިން ވިދާލި މަޝްހޫރު ކުޅުންތެރިއެކެވެ. އަދި ނިޒާމްބެ އަކީ ޒުވާން ކުޅުންތެރިން ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ވަރަށް ތަފާތު ހުނަރުތައް ދައްކަމުންދާ ހުނަރުވެރި ކޯޗެއްވެސްމެއެވެ. މިގޮތުން ތަފާތު މުބާރާތްތަކުގެ އެއްމެ މޮޅުކޯޗްގެ މަޤާމް ވަނީ އެތައްފަހަރެއްގެ މަތިން ލިބިލައްވާފައެވެ.

އަދި މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ޓީސީ ސްޕޯޓްސް ކްލަބަށް ކާމިޔާބުކޮށްދިން ނިޒާމްބެ އަކީ އޭނަގެ ފެންވަރު ޢަމަލުން ދައްކައިދީ ނަތީޖާ  ނެރެދެއްވާފައިވާ ކޯޗެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރައްވައެެވެ.

ނިޒާމްބެ މިއަދު 16 އަހަރުން ދަށުގެ ޤައުމީޓީމާއި ހަވާލެއްވި ނަމަވެސް މިޓީމުގައި ތައްޔާރުކުރާ ކުޅުންތެރިންނާއި އެކު 19 އަހަރާއި 23 އަހަރުން ދަށުގެ ޓީމާއި އެކުވެސް ފެނިގެންދާނެކަމަށް އެފްއޭ އެމުންވަނީ ހާމަކޮށްފައެވެ.

ނިޒާމްބެ މިގުޅުމަކީ އެފްއޭއެމްގެ ޓެކްނިކަލް ޓީމަށް ލިބިގެންދިޔަ އުފާވެރި ކަމެއްކަމަށް ބައްސާމް ހާމަކުރެއްވެވިއެވެ.

“ނިޒާމްބެ މައިގަނޑު ޓާގެޓަކަށް މިވަނީ، 2023 ވަނަ އަހަރު ރާއްޖޭގައި މި ބާއްވާ އައިއޯއައިޖީ އަށް ޒުވާން ވަރުގަދަ ޓީމެއް ތައްޔާރުކުރުމުގެ މަސައްކަތް. މިގޮތުން އަތޮޅު ތެރޭގައި ކުރިއަށް ގެންދެވޭ ސްކައުޓިން މަސައްކަތުގެތެރެއިން ކުދިން ހިމެނިގެން ދިވެހިރާއްޖެ ތަމްސީލްކުރާ އެންމެ ވަރުގަދަ 16 އަހަރުންދަށުގެ ޓީމު އުފެދިގެން ދިއުން އަމާޒަކީ،” ބައްސާމް ވިދާޅުވި އެވެ.

 ނިޒާމްބެ ވިދާޅުވީ، އެފްއޭއެމުން އެ މަސައްކަތް އޭނާ އަށް ކުރެވޭނެކަމަށް އިތުބާރު ކުރީތީ ބައްސާމާއި ޓެކްނިކަލް ޑިރެކްޓަރު އިހުސަން އަބްދުލްގަނީ (ސާންތީ) ޝުކުރުއަދާކުރަ ކަމަށާއި އޭނާ ވެސް މި މަސައްކަތް ބަލައިގަތީ މިއީ ގައުމަށް ފުޓްބޯޅައިން ރީތި ނަމެއް ހޯދައިދޭން މަސައްކަތް ފަށަން އެންމެ ރަނގަޅު ދަނޑިވަޅު ކަމަށް ގަބޫލުކުރާތީ ކަމަށެވެ.

ނިޒާމްބެ ވިދާޅުވީ މިހާތަނަށް ކުރި ތަޖުރިބާ އެއީ ވަރަށް ބޮޑު އެއްޗެއް ކަމަށާއި އަދި އެތަޖްރިބާއިން މި މަސައްކަތަށް އިތުރު ބުރަދަނެއް ގެނެސްދޭނެ ކަމަށެވެ. ކޯޗެއްގެ ޙައިސިއްޔަތުން ޓީމަކާއި ޙަވާލުވާއިރު އިންޓަނޭޝަނަލް އެކްސްޕީރިއަންސް އަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލު ވުމުގައި ނިޒާމްބެ ވަނީ ވިދާޅުވެފައެެވެ.

އޭއޯ ނިއުސްގެ ފަރާތުން ނިޒާމްބެއަށް މިފުރުޞަތުގައި މަރުޙަބާދަންނަވަމެވެ. އަދި އުއްމީދަކީ ނިޒާމްބެގެ ކޯޗް ކަމުގެ ދަށުން ތަފާތު މޮޅު ހުނަރުވެރި ކުޅުންތެރިންތަކެއް އުފެދި އަދި އެކުދިންނަށް ފަހި ފުރުޞަތު ތަކެއް ޤައުމީ އަދި ބައިނަލް އަޤުވާމީ މުބާރާތްތަކުން ލިބި ރާއްޖެއަށް ރަންވަނަތަކެއް ލިބުމެވެ.