English Edition
Dhivehi Edition

ރާއްޖެ އިން ފިއްލަވައިގެން އިންޑިއާ އަށް އެތެރެވާން އުޅެނިކޮށް އިންޑިއާ ސިފައިން ހައްޔަރުކޮށްފައިވާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ރާއްޖެ ގެނެސް ދޫނިދޫގައި ބަންދުކޮށްފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

މައުލޫމާތި ލިބިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށުން އަދީބު ރާއްޖެ ގެނެސްފައިވާއިރު މިހާރު އަދީބު ދޫނިދޫގައި ހައްޔަރު ކޮށްފައި ހުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.މި މައްސަލަ އާއި ގުޅިގެން މިހާތަނަށް ފުލުހުންގެ ފަރާތުން އެއްވެސް މައުލޫމާތެއް ލިބިފައި ނުވާއިރު އަދީބު ފިލި މައްސަލަ އާއި ގުޅިގެން ސަރުކާރުގެ ކަމާއި ގުޅޭ ވުޒާރާއަކުންވެސް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެެވެ.

“ވާގޯ 9” ނަމަކަށް ކިޔާ ޓަަގު ބޯޓެއްގައި އަދީބް ފިލައިގެން އިންޑިޔާއަށް ދަތުރުކުރި ކުރުމާއި ގުޅިގެން އެކަމުގެ ތަހުގީގު ކުރިއަށްދާ ކަމަށް މީގެ ކުރިން އިންޑިއާގެ ފުލުހުންވަނީ ބުނެފައެވެ.

މި ބޯޓު ރާއްޖެ އިން ފުރާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގައެވެ. 9 ފަޅުވެރިން ތިބި އެ ބޯޓު ރާއްޖެއިން އަނބުރާ އިންޑިއާއަށް ދަތުރުުކުރި އިރު ބޯޓުގައި އެކަކު އިތުރުވިކަން ފާހަގަކުރެވުމުން އެ ބޯޓުގައި ހުރި އިންޑިއާގެ ފަޅުވެރިޔާ ބޯޓުގެ އެޖެންޓަށް އެކަން ވަގުތުން އެންގި ކަމަށްވެސް އިންޑިއާގެ ފުލުހުންނާއި ހަވާލު ދީ ޓައިމްސް އޮފް އިންޑިއާގައިވަނީ ބުނެފައެވެ. މީގެ އިތުރުން އެ ނޫހުގައި ބުނެފައިވަނީ އެޖެންޓަށް އެކަން އެންގުމުން ވަގުތުން އިންޑިޔާގެ ކަސްޓަމްސްގެ އޮފިސަރުންނަށާއި، ކޯސްޓް ގާޑް އޮފިސަރުންނަށާއި އަދި އިންޓެލިޖެންސް އެޖެންސީގެ އޮފިސަރުންތަކެއް އެ ބޯޓަށް އަރައި، އަދީބް ހިފެހެއްޓީ ކަމަށެވެ.