English Edition
Dhivehi Edition
އެކްސްޕޯގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު މިނިސްޓަރ ނޫސްވެރިންނަށް މައުލޫމާތު ދެއްވަވަނީ

އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައްޑޫސިޓީގައި ކުރިއަށް ގެންދާ ، ވިޔަފާރިއާ ގުޅޭ މައުރަޒް، “ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019 ” އަކީ އައްޑޫގެ ވިޔަފާރިތަކަށް ވަރަށް ރަނގަޅު ފެށުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިމްޕޯޓް އަދި އެކްސްޕޯޓް ވިޔަފާރިކުރާ ފަރާތްތަކަށް ހުރި ގޮންޖެހުންތައް ގުޅޭ ގޮތުން އެކްސްޕޯގައި އިއްޔެ ކުރިއަށް ގެންދިޔަ  ޕެނަލް ޑިސްކަޝަނަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަވަމުން މިނިސްޓަރ ވިދާޅުވީ މި އެކްސްޕޯގެ ސަބަބުން ވިޔަފާރިތަކަށް ރަނގަޅު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވަވާ ކަމަށެވެ.

” މިއީ ކީ ސަރުކާރަކުން ކުރި ކަމެއް ނޫން. އަޅުގަނޑުމެން މީގައި ބައިވެރި މިވަނީ ސަޕޯޓް ދިނުމުގެ ގޮތުން. މިކަހަލަ ކަންތައްތައް ރާވައި ކުރިއަށް ގެންގޮސް ހެދީމާ ވިޔަފާރި ކުރިއަރައިގެން ދާނެ ކަން ގަބޫލު ކުރެވޭ” މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ  ކުރިއަށް އޮތްތަނުގައި އިތުރު ވިޔަފާރިތައް މިކަހަލަ އިވެންޓް ތަކުގައި ބައިވެރިވެ އަދި އައްޑޫގެ ރައްޔިތުންގެ ތެރެއިން ވެސް ވިޔަފާރިކުރާ ފަރާތްތައް މިކަންތައް ތަކުގައި ބައިވެރިވެ މިތަންތަނަށް ޒިޔާރަތް ކޮށް ހުރި ފުރުސަތު ތަކަކީ ކޮބައިތޯ ބަލައި  ހަދާނެ ކަމަށް އުއްމީދު ކުރައްވަވާ ކަަމަށެވެ.

އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މައުރަޒަކީ ރާއްޖޭގެ މާކެޓިން އެޖެންސީއެއް ކަމަށްވާ ޓައިޓަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މައުރަޒެކެވެ. ޒަމާނީ ވިޔުގަތަކުގެ ތެރެއިން ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުން މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މައުރަޒުގައި 38 އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ.

އައްޑޫސިޓީގައި އެންމެ ފުރަތަމަ ބާއްވާ ވިޔަފާރިއާއި ގުޅޭ މި މައުރަޒު ރަސްމީކޮށް ހުޅުއްވަވައި ދެއްވެވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމުހޫރިއްޔާ މުޙައްމަދު ނަޝީދެވެ.