English Edition
Dhivehi Edition

އައްޑުއަށް ބަލާލާއިރު ސީދާ އައްޑޫއަށް އިމްޕޯޓް ކުރުމުގެ ލޮޖިސްޓިކް ދަތިތަކެއް އެބަހުރިކަމަށާއި އެކަންކަން ހައްލު ކޮށްގެން އެންމެ ރަނގަޅަށް ޚިދުމަތް ދިނުމުގައި ވަގުތު ބޭނުންވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި މިހާރު ކުރިއަށް ގެންދާ “ސަދަން މޯލްޑިވްސް ބިޒްނަސްއެކްސްޕޯ 2019” ގައި  ރާއްޖޭގެ އިމްޕޯޓް އަދި އެކްސްޕޯޓް ވިޔަފާރިކުރާ ފަރާތްތަކަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ އައްޑޫއަށް ސީދާ މުދާ އިމްޕޯޓް ކުރުމުގައި އެންމެ ބޮޑަށް ދިމާވާ ދައްޗަކީ އިންފްރާސްޓްރަކްޗަރ ގާއިމު ވެފައި ނެތުން ކަމަށެވެ.

“އައްޑުއަށް ބަލާލާއިރު ސީދާ އައްޑޫއަށް އިމްޕޯޓް ކުރުމުގެ ލޮޖިސްޓިކް ދަތިތަކެއް އެބަހުރި. މިހާރު ކަމަށް ވެއްޖެއްޔާ މާލެއަށް މުދާ ގެނެސްގެން އަދި މާލެއިން މިހިސާބަށް މުދާ ގެނައުމަށް އިތުރު ޚަރަދުތަކެއް އެބަދޭ. އެހެންވީމާ އެއްޗެތީގެ އަގުވެސް ބޮޑުވޭ. ދެން އޮތީ ކީއްވެގެން ހެއްޔޭ ސީދާ އައްޑޫއަށް ތަކެތި ނުގެނެވެނީ. މި ކަމުގައި ބައިވަރު ދަތިތަކެއް އެބަހުރި. އެއް ކަމަކީ އިންފްރާސްޓްރަކްޗަރ ނެތުން. އަނެއް މައްސަލައަކީ ޑިމާންޑް ކްރިއޭޓް ވެފައި ނެތުން. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އައްޑޫގެ ބަނދަރުގައި ހުރި އިމީޑިއެޓް މައްސަލަތައް ހައްލުކޮށްގެން ސީދާ އައްޑޫ ބަނދަރަށް ބޯޓުތައް އާދެވޭނެ ގޮތް އެބޭފުޅުން އެކުރައްވަވަނީ. ” މިނިސްޓަރ ވިދާޅުވިއެވެ.

ޕެނެލް ޑިސްކަޝަން ގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމުކޮށްގެން ނޫނީ މިމަސައްކަތް ނުކުރެވޭނެކަމަށާއި  އަދި މިއީ އެއްދުވަހުން ކުރެވޭނެ މަސައްކަތެއްވެސް ނޫންކަމަށެވެ.

“އިނގިރޭސިން އައްޑޫން ފޭބީއްސުރެން ސަރުކާރުން އައްޑޫއަކަށް އަޅާލާފައެއް ނެތް . 54 އަހަރު ދުވަހުގެ ވާހަކަ އެއީ. އަޅުގަނޑުމެންގެ ވެރިކަމުގައި އަދި މިވީ 7 މަސް ދުވަހުގެ ތެރޭގައި 54 އަހަރުން ނުކޮށް އޮތް ކަމެއް ކުރުމަކީ އެއްދުވަހުން ކުރެވޭނެ ކަމެއް ނޫން. އެކަމަކު އެބިލް އެބަހުރި. ތައްޔާރީތައް ކުރަމުން މިދަނީ. މިހާ ގިނަ ރަައްޔިތުންތަކެއް އެކަމަކަށް ބޭނުންވެފައި ތިއްބާ ސީދާ ގްރައުންޑުގައި އެމަސައްކަތް ނުފެންނަހާ ހިނދަކު ގަބޫލުކުރަންވެސް ދަތިވާނެ ސަރުކާރުން އެކަން ކުރާނެ ކަމާ މެދު” މިނިސްޓަރ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، މި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތައް ލަސްވަނީ އެންމެ ފުރިހަމަށް ރާވަން ވަގުތު ނަގާތީ ކަމަށެވެ.

“އަޅުގަނޑުމެން ކަންކަން ކުރަނީ ވަރަށް ބޮޑަށް ޕްލޭން ކުރެވިގެން. އެހެން ނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަން ރައްޔިތުންގެ އެކްސްޕެކްޓޭޝަން ހައިކަން. ކަންކަން އަވަސް ކޮށްފި ނަމަ އޭގެއިން ނުކުންނަ ނަތީޖާ މާ ގޯސް ވެދާނެ،” މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ރައްޔިތުންނަށް ދައްކާލުމަށް، ލޮލުގައި އަނދުން އެޅުވުމަށް އެކްސްކަވޭޓަރެއް ގެންގޮސް ކޮނެލައި ހޭވުން ފަދަ ކަންކަން  ކުރަން ބޭނުން ނުވާ ކަމަށެވެ.

“އަޅުގަނޑުމެން ބޭނުންވަނީ ސީދާ ޑީސެންޓްރަލައިޒޭޝަންގެ ދަށުން ރާއްޖެ 4 ރީޖަނަކަށް ބަހާލުމާއެކު ވަރުގަދަ އާބަން ސެންޓަރ ތަކެއް ގާއިމު ކުރުން. އެގޮތުން އެއްތަނަކީ އައްޑޫސިޓީ. އަނެއްތަނަކީ ލާމު އަތޮޅު. ދެން ދެކުނުގައި ސީދާ ވަކިތަނެއް ކަނޑައެއް ނާޅާ” މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އައްޑޫ ޑިވެލޮޕްމަންޓް ޕްލޭނުގެ ދަށުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް 300-500 މިލިއަން ޑޮލަރު ވަރު އަރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. އޭގެ ތެރެއިން މިހާރު ބައެއް މަޝްރޫއުތައް ފެށުމަށް އެގްޒިމް ބޭންކުން ލޯން ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.