English Edition
Dhivehi Edition

މިއަހަރުގެ ހައްޖު ދުވަހަކީ، މިމަހުގެ 10 ވާ ހޮނިހިރު ދުވަސް ކަމަށް ސައުދީ އަރަބިއްޔާ އިން ކަނޑައަޅައިފި އެވެ.

މިއަދަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސްކަމުން، މިއަހަރުގެ އަރަފާތު ދުވަހަކީ ނުވަތަ ހައްޖު ދުވަހަކީ މީލާދީގޮތުން މިހިނގާ އޮގަސްޓް މަހުގެ 10 ވާ ހޮނިހިރު ދުވަސްކަމަށްވެސް ސައުދީން ވަނީ އިއުލާނު ކޮށްފައެވެ. އަދި އަލްހާ އީދު ދުވަހަކީ މިމަހުގެ 11 ވާ އާދީއްތަ ދުވަހެވެ.

އަރަފާތު ދުވަސް ނުވަތަ ހައްޖު ދުވަހަކީ ޒުލްހިއްޖާ މަހުގެ ނުވަ ވަނަ ދުވަހެވެ. އަރަފާތު ދުވަސް ހިމެނޭގޮތުން ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހު ސުންނަތް ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނެތަކެވެ.

ދިވެހި ސަރުކާރުން ނިންމާފައިވަނީ، ބޮޑު އީދު ބަންދާ ގުޅުވައި، އަންނަ އޯގަސްޓް މަހުގެ 15 ވާ ބުރާސްފަތި ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާށެވެ. އެ ދުވަސް ބަންދުކުރުމުން އީދު ދުވަހުގެ ކުރިން އޮންނަ ހަފްތާ ބަންދާއެކު، އީދު ޗުއްޓީއަށް ޖުމްލަ ނުވަ ދުވަސް ލިބޭނެއެވެ. ބުރާސްފަތި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ ގިނަ ބަޔަކު އީދު ޗުއްޓީގައި ރަށުން ބޭރަށް ދާނެތީ، ލުއިފަސޭހަ ކޮށްދިނުމަށެވެ.