English Edition
Dhivehi Edition

އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019 “ގެ ބޭންކިން ޕާޓްނަރ އަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހަމަޖައްސައިފިއެވެ.

މި މައުރަޒުގެ ބޭންކިން ޕާޓްނަރ ގެ ގޮތުގައި އެމްއައިބީން ސޮއިކުރެއްވީ އެމްއައިބީގެ ހިތަދޫ ބްރާންޗް މެނޭޖަރ ޝަފްރާޒް ޒާހިރެވެ. ޓައިޓޭންގެ ފަރާތުން ސޮއިކުރެއްވީ ޓައިޓޭން މޯލްޑިވްސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރ ޒީނަތު ޙަސަން އެވެ.

ރާއްޖޭގެ މާކެޓިން އެޖެންސީއެއް ކަމަށްވާ ޓައިޓަން މޯލްޑިވްސް އިން އައްޑޫގައި ބާއްވާ މި މައުރަޒުގައި އެމްއައިބީގެ ފަރާތުން ފައިނޭންސިން އާއި ގުޅުން ހުރި ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމާއި އެ ބޭންކުގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް ހިއްސާގަނެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެމްއައިބީން ބުނެއެވެ. އެމްއައިބީގެ ހިއްސާ ވިއްކަން ފަށާފައި ވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހު އެވެ. އެގޮތުން އެ ކުންފުނީގެ 6.9 މިލިއަން ހިއްސާ ވިއްކުމަށް އެމްއައިބީން ވަނީ ނިންމައިފަ އެވެ.

މި އެކްސްޕޯ ކުރިއަށް ދާ ވަގުތުތަކުގައި ހިއްސާ ވިއްކުމާއި ހިއްސާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި، އިންޓަރނެޓް ބޭންކިން އާއި އަދި އެކައުންޓް ހުޅުވުމާއި ބެހޭ މައުލޫމާތުވެސް އެ ބޭންކުން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން ފައިނެންސިން ޚިދުމަތް ތަކާ ބެހޭ މައުލޫމާތު ވެސް އެމްއައިބީގެ ބޫތުން ލިބެން ހުންނާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

އައްޑޫސިޓީގައި އެންމެ ފުރަތަމަ ބާއްވާ ވިޔަފާރިއާއި ގުޅޭ މި މައުރަޒުގައި ރާއްޖޭގެ ބައެއް ކުންފުނިތަކުންވެސް ވަނީ ޓައިޓްން މޯލްޑިވްސްއާއެކު ޕާރޓްނަރޝިޕް އެއްބަސްވުންތަކެއް ގާއިމްކޮށްފައެވެ. އޭގެތެރޭގައި ބިޒިނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ ހިމެނެއެވެ. މީގެ އިތުރުން ޝަންގްރިލާ ރިސޯޓާއި އޫރިދޫ، ޕޯޓްސް ލިމިޓެޑް، މޯލްޑިވިއަން، ކޮކާކޯލާ، ތްރީ އެސް، ގަން އެއަރޕޯޓް ކޮމްޕެނީ ކަތަމަރާން އައިލެންޑް މޯލްޑިވްސް ، ކޮންޓްރޯލް ޕީ އަދި އީކުއޭޓަރ ވިލެޖަކީވެސް މިމައުރަޒުގެ ޕާޓްނަރުންނެވެ. މީގެ އިތުރުން މި މައުރަޒުގައި އެއަރލައިންތަކާއި ރިސޯޓްތަކާއި ގެސްޓްހައުސްތައް، ޓްރަވެލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން، އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިތައް، ޚިދުމަތްތައް ފޯރުކޮށްދޭ ވިތަފާރިތަކާއި ތައުލީމީ މުވައްސަސާތައް އަދި ސިއްހީ ޚިދުމަތުގެ މަރުކަޒުތައްވެސް ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް ޓައިޓަން އިން ބުނެއެވެ. މައުރަޒުގެ މީޑިއާ ޕާޓްނަރ އަކީ އޭއޯ ނިއުސް އެވެ

މި މައުރަޒު ރަސްމީކޮށް ހުޅުއްވައި ދެއްވަވާނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމުހޫރިއްޔާ މުޙައްމަދު ނަޝީދެވެ.