English Edition
Dhivehi Edition

އަހްލާގީ މައްސަލަތަކެއް ދިމާވެ ޓީމުން ވަކިކުރި 15 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން އަލުން ޓުރެއިނިންގ ފަށާނެކަމަށް ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ގައުމީ ޒުވާން ފުޓުބޯޅަ ޓީމުގެ ބޭއަދަބީ ވީޑިއޯ އާއި ގުޅޭ ގޮތުން މީގެ ކުރިން އެފްއޭއެމް އިން ބުނީ އެ ވީޑިއޯއަކީ 2018 ވަނަ އަހަރު ނޭޕާލްގައި ކުޅުނު މުބާރާތުގެ ތެރޭގައި ހިނގާފައިވާ ކަމެއް ކަމަށާއި، އެ ވީޑިއޯގައި ފެންނަ ކުޅުންތެރިންގެ ތެރެއިން، މިހާރު ޓީމުގައި ތިބި ކުޅުންތެރިން ޓީމުން ވަކިކޮށްފައިވާކަމަށެވެ. މީގެ އިތުރުން އެފްއޭއެމް އިން ބުނީ މިފަދަ އަހްލާގީ މައްސަލަތަކަކީ އެ އެސޯސިއޭޝަނުން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އެފްއޭއެމް އާއި ޓީމުގެ އޮފިޝަލުންނަށްވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ބައްސާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަކިކުރި ކުޅުންތެރިންނަށް ނަސޭހަތްތެރިވެ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި އިރާދަފުޅާއެކު އެކުދިން ދެން އެފަދަ އަމަލެއް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން ބައްސާމްވަނީ ދެއްވާފައެވެ. މީގެ އިތުރުން ބައްސާމް ވިދާޅުވީ އެ ހާދިސާއިން ކުދިންނަށް ރަގަޅު އިބްރަތެއް ލިބިފައިވާ ކަމަށާއި އެހެންކަމުން މިހާރު އައްޑޫ ގައި އޮތް ޓީމް އެބުރި އައުމާއި އެކު ފަރިތަކުރުންތަކުގައި އެ ކުދިންވެސް ބައިވެރިވާނެކަމަށެވެ.