English Edition
Dhivehi Edition

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތުގެ ހެކި ބަސް، ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އާއި ދެކޮޅަށް ހުށަނޭޅޭނެކަމަށް ރައީސް ޔާމީންގެ ވަކީލް ޝިޔާޒް ވިދާޅުވެއްޖެއެވެ.

ޝިޔާޒް މިހެން ވިދާޅުވީ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި ޔާމީންގެ ފަރާތުން ފާހަގަކުރާ ކަންކަން ހުށަހަޅުއްވަމުންނެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ދިފާއީ ވާކީލް ޝިޔާޒް ވިދާޅުވީ ރައީސް ޔާމީން އާއި ދެކޮޅަށް އަދީބް އާއި ޒިޔަތު ދިން ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށާއި އެ ދެ ބޭފުޅުންނަކީ ވެސް ޖިނާއީ ކުށް ސާބިތުވެފައިވާ މީހުން ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ދައުވާ ކޮށްފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނީގެ އެކައުންޓަކުން އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަ ފޮނުވި އެއް މިލިއަން ޑޮލަރުން މަންފާ ހޯދައި، މަނީ ލޯންޑާ ކުރި ކަމުގެ ތުހުމަތުގަ އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ. އެންމެ ފަހުން މައްސަލާގައި އަޑުއެހުމެއް ބޭއްވީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެނަމަ، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.