English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުލް ﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ޝަރަފާއި އިޙުތިރާމް ދެމެހެއްޓެވުމަށް ޑރ. ޝަހީމް ގޮވާލައްވައިފި އެވެ. ޑރ. ޝަހީމް މިގޮތަށް ގޮވާލެއްވީ މިއަދު އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް ޔާމީނަށް އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ފެނިގެންދިޔަ ޝަހީމް ވިދާޅުވި ޔާމީންކީ ރާއްޖޭގެ ރައީސްކަންކުރެއްވި ބޭފުޅުންގެ ތެރެއިން ނުހަނު ފާހަގަކޮށްލެވޭ ހިއްވަރުގަދަ ދިވެހި ވަންތަ ޢިލްމީ ފިކުރީ އަދި މި ފަހުން ރާއްޖެ ނުދެކޭ ފަދަ ވަރުގަދަ ޝަޚުޞިއްޔަތެއް ކަމަށެވެ.

“ހަ ފަރާތުން ކުރިމަތިވެ ވަޑައިގެންނެވި ގޮންޖެހުންތަކާއި ރާއްޖެ އެއުރެންގެ ވަޞިއްޔަތުގެ ދަށުގައި ބޭއްވުމަށް ބޭނުންވާ ބޭރުގެ ބާރުތަކާއި ލާދީނީ ޙަރަކާތްތަކާ މިހުރިހާ ކަމަކާ ކުރިމަތިލައްވައި އިސްލާމީ އުޞޫލުތައް ދަމަހައްޓަވައި ބާރު ސްޕީޑެއްގައި ޤައުމުގައި ބޮޑެތި ބިޔަ އެތައް މަޝްރުޢެއް ފައްޓަވައި ގިނަ ކަންކަން ނިންމެވިއެވެ. ރާއްޖޭގެ މައި އެއާޕޯޓް ވެސް އެކީ އެކަށް މިނިވަންކުރައްވައި އެތައް ސަތޭކަ މިލިއަން ޑޮލަރެއް ބަދަލުގައި އެފަރާތައް ދައްކައި، އޭގެ އިތުރުން ވެރިކަން ދޫކުރެއްވީ ބޮލަކަށް ޖެހޭ މިންވަރު އެތައް ގުނައަކަށް އިތުރުކޮށްދެއްވައި، މިކަންކަންމުގެ އިތުރުން އަށް ސަތޭކަ މިލިއަން ޑޮލަރ ދިވެހި ދައުލަތުގެ ޚަޒާނާއަށް އިތުރުކޮށްދެއްވާފައެވެ. ކުރީގެ ރައީސުލްޖުމުހޫރިއްޔާގެ ހައިޘިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޤާނޫނީ އެންމެހާ ޝަރަފާއި އިޙުތިރާމެއް ދެމެހެއްޓެވުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކުން ނުހަނު އިޙުތިރާމާއެކީ އަޅުގަނޑު އެދެމެވެ. އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތު ތަކުން އެމަނިކުފާނު ސަލާމަތްވެވަޑައިގަތުމެވެ.” ޑރ.ޝަހީމް ގެ ޕޯސްޓުގައި ވިދާޅުވިއެެވެ.

ޝަހީމް މިގޮތަށް ޕޯސްޓެއް ކޮށްފައިވާއިރު މިއަދު ކުރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ޝަރީއަތް ތާވަލްކޮށްފައިއެވެ. އަދި މި ޝަރީއަތް މިއަދު ޓީވީއެމް އިން ލައިވް ކޮށް ދައްކާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.