English Edition
Dhivehi Edition

މިދިޔަ އެޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގެ އެކި އެކި ސަރަޙައްދުތަކުގައި ދިން ބޮމުގެ ހަމަލާތަކަށް ޒިންމާވާ އެންމެން މަރަން, އެޤައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

ލަންކާގައި އެންމެ ފަހުން މަރުގެ އަދަބު ދީފައިވަނީ މީގެ 43 އަހަރު ކުރިންނެވެ. ރައީސް ސިރިސޭނާ، ނިރުބަވެރި ހަމަލާތައް ދިން މީހުން މަރަން ކެމްޕެއިން ފަށާފައި ވާއިރު ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ގެންދަވަނީ އެކަމާ ދެކޮޅު ހައްދަވަމުންނެވެ.

ސިރިސޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ލަންކާގެ ފައްޅިތަކަށާއި ހޮޓާތަކަށް ހަމަލާ ދިނީ ބައިނަލްއަގުވާމީ ގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގޭންގުތަކުންނެވެ.

ރައީސް ސިރިސޭނާ މިހެން ވިދާޅުވިއިރު މީގެ ކުރިން އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ބުނެފައި ވަނީ ލަންކާއަށް އެ ހަމަލާތައް ދިނީ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީތު(އެންޓީޖޭ) ޖަމާއަތާއި ޖަމާއަތީ މިއްލަތު އިބްރާހިމް ގުޅިގެން ބޭރުގެ އެހީއާ އެކުގަ އެވެ.

އަވައްޓެރި ސްރީލަންކާ އަށް ދިން ނިރުބަވެރި ހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެތައް ބަޔަކަށް ވަނީ އެ ހަމަލާތަކުގައި އަނިޔާވެފައެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް އެ ޤައުމުގެ ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ހަމަލާތަކާއި ގުޅިގެން 100 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި އެއްމެންނަކީވެސް ލަންކާގެ ރައްޔިތުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.