English Edition
Dhivehi Edition

ހިޔާލު ތަފާތުވިޔަސް ކޮންމެ ސަރުކާރަކަށް ވެސް މިހާތަނަށް އައީ އެއްބާރުލުން ދެމުން ކަމަށާއި އައްޑޫގެ ތަރައްގީގެ އެއްވެސް މަސައްކަތަކަށް އައްޑޫ ސިޓީ ކައުންސިލުން ހުރަސް އަޅާފައި ނުވާނެ ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ)ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް ‘މީހަރަށް’ މައުލޫމާތު ދެމުން ސޯބެ ވިދާޅުވީ މިހާތަނަށް ހުރިހާ ސަރުކާރަކުންވެސް އައްޑޫ ގެ ތަރައްޤީއަށް ކުރާ ކޮންމެ ކަމަކަށް ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށެވެ. މި ގޮތުން ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އައްޑޫ ސިޓީގައި ހިންގަން ފެށި އެންމެ ބޮޑު ދެ ޕްރޮޖެކްޓްކަމަށްވާ ހުޅުމީދޫ މަސް ފެކްޓްރީ އެޅުމާއި ކުރީގެ ކޮންވެންޝަން ސެންޓަރުގައި ހޮސްޕިޓަލް އެޅުމަށްވެސް އެއްބާރުލުންދީފައިވާނެކަމަށް ސޯބެ ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ ވިސްނުމާ އިދިކޮޅަށް ޔާމީންގެ ސަރުކާރުން އައްޑޫގައި ކުރަން ފެށި މަސައްކަތްތަކަށްވެސް ހުރަސް އަޅާފައިނުވާނެކަން ފާހަނގަކުރައްވާ ސޯބެ ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި އަޅަން ވައުދުވެ ވަޑައިގެންނެވި މަސް ފެކްޓްރީވެސް، ސަމާން ގެނައުމަށްފަހު ސިޓީ ކައުންސިލުން ކޫއްޑޫ ފިޝަރީޒަށް ބިން ހަވާލުކޮށް، އެ ބިން މޯގޭޖުކޮށް 6.5 މިލިއަން ޑޮލަރުގެ ލޯނު ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައި އޮއްވައި އެކަން ނުކޮށް ލަސްކުރަމުން ގޮސް 2015 ގައި ފެށިއިރު ހުޅުމީދު އަށް މަސްފެކްޓްރީ ބަދަލުކޮށްފައިވާކަމަށެވެ. އަދި ހަމަ އެ ގޮތަށް ސިޓީ ކައުންސިލުން ބޭނުންވީ ހިތަދޫގައި ކުރިން ޕޮލިސް ޓްރެއިނިން ސްކޫލް ހިންގި ބިމުގައި އާ ހޮސްޕިޓަލް އިމާރަތް ކުރަން ކަމަށާއި އެހެންނަމަވެސް ކައުންސިލާއި މަޝްވަރާ ނުކޮށް ކޯންވެންޝަން ސެންޓަރުގައި ހޮސްޕިޓަލް އަޅަން ފެށުމުންވެސް އެ މަސައްކަތައް ކައުންސިލުންހުރަސް އަޅާފައިނުވާނެކަމަށް ސޯބެ ވިދާޅުވިއެވެ.

އައްޑޫ އަކީ އަބަދުވެސް އެމްޑީޕީގެ ސުޕަރ މެޖޯރިިޓީ އޮންނަ ސިޓީއަކަށްވީ ހިދު ރައްޔަތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީގެ ރައްޔަތުން ފުރަތަމަ ފަހަރަށް އެ ސިޓީގެ ހަތް ގޮނޑި އެމްޑީޕީއަށް ދިނީ އައްޑޫސިޓީ ތަރައްގީ ކުރުވަން ކަމަށް ސޯބެވަނީ މީގެ ކުރިން ވިދާޅުވެފައެވެ.