English Edition
Dhivehi Edition

އައްޑޫ ސިޓީގެ ހިތަދޫގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސަރުކާރުގެ “ގެދޮރުވެރިކުރުން” ޕްރޮގްރާމްގެ ދަށުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިތަދޫ ގައި އިމާރާތްކޮށްފައިވަނީ 264 ފްލެޓެވެ. މި ފްލެޓްތަކަށް ޖުމްލަ 577 މީހުން ކުރިމަތިލި ނަމަވެސް ޝަރުތު ހަމަވެގެން ލިސްޓްގައި ހިމަނާފައި ވަނީ 414 މީހުންނެވެ.

އެގޮތުން މަރަދޫ އާއި މަރަދޫފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކުރެވުނު 30 ފްލެޓަށް އެދި 54 ފޯމު ހުށަހަޅާފައިވެ އެވެ. އަދި ފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކުރެވުނު 50 ފްލެޓަށް އެދި 77 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ޕޮއިންޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތާއި ޕޮއިންޓް ލިބުނު ގޮތާ ދޭތެރޭ އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާ ނަމަ އެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އިކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ ހުޅުދޫގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ހުޅުދޫ ފްލެޓްތަކަށް ޝަކުވަ ހުށަހެޅުން ބަންދުވާނީ މާދަމާ އެވެ.