ހުޅުދޫސްކޫލްގެ ކަބްސްކައުޓް ކުދިންގެ އިންވެސްޓިޗަރ ސެރެމޮނީ ބާއްވައިފި
3 މަސް ކުރިން
ސްކޫލް މީޑިއާ
ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް
ހުޅުދޫސްކޫލްގެ ކަބްސްކައުޓް ކުދިންގެ އިންވެސްޓިޗަރ ސެރެމޮނީ މި ދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެސްކޫލްގައި ބާއްވައިފިއެވެ.
ދިގުމުއްދަތެއްގެ މެދުކެޑުމަކަށްފަހު ހުޅުދޫސްކޫލްގައި ކަބްސްކައުޓް ހަރަކާތް ފެށިގެން ދިޔައީ މިއަހަރުގައެވެ. ގްރޭޑް 2 ން 6 ގެ ދަރިވަރުން ހިމެނޭ ގޮތަށް ޖުމްލަ 21 ދަރިވަރުން ކަބްސްކައުޓް ހުވާ ކުރިއެވެ.
މިރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނަކީ ދަ ސްކައުޓް އެސޯސިއޭޝަންގެ ޑެޕިއުޓީ ޗީފް ކޮމިޝަނަރ އަލްފާޟިލް އަހުމަދު އަންވަރެވެ. މީގެ އިތުރުން ހަފްތާ ބަންދުގައި ކަބްސް ކައުޓް ކޭމްޕެއްވެސް ސްކޫލްގައިވަނީ ބާއްވާފައެވެ. މިކޭމްޕުގައި ޖުމްލަ 21 ދަރިވަރުން ބައިވެރިވިއެވެ. ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ ދަރިވަރުން ކުރި ހިއްވަރަށާއި ދެއްކި ތަފާތު ހުނަރުތަކަށް ބަލައި ހިތްވަރު ދިނުމުގެ ގޮތުން ސެޓްފިކެޓާއި އިނާމް ދީފައެވެ. އެގޮތުން ބެސްޓް ކޭމްޕާރ ކަމުގެ މަޤާމަށް ހޮވިފައިވަނީ ގްރޭޑް 4 އޭ ގެ ދަރިވަރު މުހައްމަދު އަބާން ނިޒާމް އެވެ.އަދި ބެސްޓް ސްކައުޓް ލީޑަރ ކަމުގެ މަޤާމަށް ހޮވިފައިވަނީ ޓީޗަރ އަލްފާޟިލާ ނީރާސް އާދަމް ވަހީދެވެ.

 

 

Advt

Advertisement

މެ ދު ކެޑިފައިވާ ކަބްސްކައުޓް ހަރަކާތް ކުރިއަށް ގެންދިއުމަކީ، ސްކޫލްގެ ޕްރިންސިޕަލް ނާޒުނީން ޢަބްދުﷲ ދީދީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ސީދާ ޕްރިންސިޕަލްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވި ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަޑު މަޤުސަދަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް އަދި ދަރިވަރުންގެ ކިބައިގައިވާ ހުނަރު އިތުރުކުރުން ކަމަށް ޕްރިންސިޕަލް ހާމަ ކުރަށްވައެވެ. މި ދިޔަ އަހަރުން ފެށިގެން ސްކޫލްގައި ޔުނިފޯރމް ބޮޑީގެ ހަރަކާތްތައް ތަޢާރަފު ކުރަންމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.