English Edition
Dhivehi Edition

އައްޑޫސިޓީގެ ހޮރައިޒަން އެކަޑަމީން ކޮންމެ އަހަރަކު އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “ހޮރައިޒަން އެކަޑަމީ އިންޓަރ ބެޑްމިންޓަރ ޓޯނަމެންޓް” ގެ 10 ވަނަ މުބާރާތް ރޭ ފަށައިިފިއެވެ.

ހިތަދޫ ޒުވާނުންގެ މަރުކަޒުގައި ރޭ ފެށި މި މުބާރާތުގައި މުޅިއެކު 11 ޓީމުން ވަނީ ބައިވެރިވެފައެވެ. އެއީ އަންހެން 5 ޓީމާއި ފިރިހެން 7 ޓީމެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވި އޮފީސް ތަކަކީ އައްޑޫސިޓީ ކައުންސިލް އިދާރާ، ޝަރަފުއްދީން ސްކޫލް، ހިތަދޫ ސްކޫލް. ނޭޗަރޕާކް، އެމްޕީއެލް، ހޮރައިޒަން އެކަޑަމީ، އައްޑޫހައިސްކޫލް އަދި ފެނަކަ ކޯޕަރޭޝަނެވެ.

ޖުލައި މަހުގެ 11 އިން 17 އަށް ކުރިއަށް ގެންދާ މި މުބާރާތާ ބެހޭ ގޮތުން ހޮރައިޒަން އެކަޑަމީން ބުނީ މިއީ މިހާތަނަށް އައްޑޫގައި މިހާގިނަ ޓީމްތައް ބައިވެރިވެގެން ބޭއްވޭ ބެޑްމިންޓަން މުބާރާތް ކަމަށެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ ކޮންމެ ޓީމަަކަށް ފޮތި ކޮތަޅެއް ހަދިޔާކޮށްފައެވެ. ޓީމްތަކަށް ކޮތަޅު ހަދިޔާ ކުރީ ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން (ސްކީމް) ގެ ފަރާތުންނެވެ. ޓީމު ތަކަށް ހަވާލުކުރީ ސްކީމް އާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން މިހާރު ކުރިއަށް ގެންދާ މައިބޭގް ޕްރޮގްރާމުގެ “ސްވިޗް” ކެމްޕޭނުގެ ދަށުން ތައްޔާރުކޮށްފައިވާ ބޭގްތަކެކެވެ.

މުޅި މުބާރާތުގެ ތެރޭގައި، ސިންގަލް ޔޫޒް ޕްލާސްޓިކް ފުޅި އަދި ކޮތަޅު ބޭނުންނުކުރާ ޓީމް ތައް ހޮވައި އެފަރާތްތަކަށް އެވޯޑު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ހޮރައިޒަން އެކަޑަމީގެ ރައީސާ އާމިނަތު ގުލްފިޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫނޭޗަރ ޕާކުން ވަނީ މުބާރާތުގެ މެޗްތައް ކުޅޭ ކޮންމެ ރެއަކު މެޗްތައް ކުޅެ ނިމުމުން ޔޫތް ސެންޓަރ ސާފުކޮށްދިނުމަށް އިސްނަގާފައެވެ.

މި މުބާރާތުގައި ރޭ ވަނީ 2 މެޗް ކުޅެފައެވެ. ފިރިހެން ޓީމުން ބައްދަލުކުރީ ނޭޗަރ ޕާކް އާއި ހޮރައިޒަން އެކަޑަމީއެވެ. މި މެޗުން ކުރި ހޯދާފައިވަނީ ނެޗަރ ޕާކެވެ.

ރޭ ބައްދަލުކުރި އަންހެން މެޗްގައ ޝަރަފުއްދީން ސްކޫލާއި ފެނަކަ ބައްދަލުކޮށް ފެނަކައިން ވަނީ މެޗް ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް ) ރުފިޔާ އަދި ރަނަރަޕް ޓީމަށް 5000 (ފަސްހާސް) ރުފިޔާގެ އިނާމު ވަނީ ހުށަހެޅިފައެވެ. އަދި އަންހެން ޗެމްޕިއަން ޓީމަށް 5000 (ފަސްހާސް) ، ރަނަރަޕް ޓީމަށް 2500 )ދެހާސް ފައްސަތޭކަ) ރުފިޔާގެ އިނާމު ވަނީ ހުށަހަޅާފައެވެ.

ހޮރައިޒަން އެކަޑަމީ އިންޓަރ ބެޑްމިންޓަރ ޓޯނަމެންޓް 2019 ގެ ސްޕޮންސަރުންނަކީ އީކުއޭޓަރވިލެޖް، ޔޫތް މިނިސްޓްރީ، އައްޑޫސިޓީ ކައުންސިލް، މަލްޓިމާޓް، ފާސްޓްފުޑް އަދި ސެކަންޑް އެވެނިއު އެވެ.