English Edition
Dhivehi Edition

ދަރިންނަކީ ދެއްވާފައިވާ ނިއުމަތަކަށްވާއިރު އެއީ އަމާނާތެއް ވެސްމެވެ. އެދަރިންނާއި މެދު އިހްމާލުވެއްޖެނަމަ އެއީ ސުވާލުވެވޭނެ ކަމެކެވެ. އަދި ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކޮށްފިނަމަ ދުނިޔެއާއި އާހިރަތުގައިވެސް މަންފާކުރެއެވެ.

ދަރިއަކު ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގައި މަންމަ އާއި ބައްޕަގެ ހިއްސާ ވަރަށްވެސް ބޮޑެވެ. ހަމައެއާއި އެކު ޒަމާނުއްސުރެ ދެކެމުން އައި ގޮތާއި އެއްގޮތަށް ގޭތެރެއިން ދަރިންނަށް އެންމެ ފުރިހަމަ ނަމޫނާ ދައްކަނީވެސް މައިންބަފައިންނެވެ. ހާއްސަކޮށް މަންމަމެންނެވެ. އެހެނީ ގިނަފަހަރަށް މަންމައިން ގޭގައި ކުދިން ބެލުމުގައި އާއި ގޭތެރެ ތަރުތީބު ކުރުމުގައި ހޭދަކުރާތީ އެވެ. ބައްޕަމެން އާމްދަނީ ހޯދުމަށް ބޭރުތެރޭގައި އުޅޭތީ އެވެ. ނަމަވެސް މިއަދު މިކަން މިވަނީ އޮޅުން ބޮޅުންވެފައެވެ. އެގަހުކޭލެއް މިގަހު ކޭލެއް ނޭނގޭ ވަރަށް ކަންތައް މިއޮތީ ގޮސްފައެވެ.

ދަރިންގެ ކަންކަން ހަމަޖެއްސުމަށް ކުރިން ގެންގުޅުނު ރީތި އުސޫލުތައް އޮޔާގޮސް އޮބާލައިފިއެވެ. އަރާއިގެން އަންނަ އިރާއެކު މަންމަ އާއި ބައްޕަ އާމްދަނީ ހޯދުމަށް ވަޒީފާއަށް ދާންޖެހެއެވެ. ދަރިން ހޭލާ ގަޑިއެއް އަދި ކާއެއްޗެއް މައިންބަފައިނަކަށް ނޭނގެއެވެ. އެކުދިން ކުރަނީ ކޮންކަމެއްތޯ ވެސް މަދު ފަހަރަކު ނޫނީ ބަލާ ނުލެވެއެވެ. އޮފީސް ނިމިގެން މައިންފައިންނަށް ގެއަށް އާދެވޭއިރު ގިނަ ފަހަރަށް ހުންނާނީ އިރުއޮއްސުމާއި ކައިރިވެފައެވެ. އެވަގުތު ދަރިން ގޭގައި ބަސްއަހައިގެން ތިބޭނަމަ އެއީ ދޮންފުތު ދަރިންނަށް ވީއެވެ. މިއީ އަދުގެ ހާލަތެވެ. ތަރައްޤީގެ ދިރިއުޅުމެވެ. އެންމެންވެސް ދެކެން ބޭނުންވި ހަޔާތެވެ.

ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާއިލީވަންތަކަން ކިނލަބުވެފައި މިވަނީ އެކި ކަރަކަރައިގެ އުޅުންތަކަށް ބަރޯސާވެގެން ދިޔަ މިންވަރުންނެވެ. މިއައި ބަދަލާއި އެކު ކުރިން އަންހެނުން ކުރަމުންދިޔަ ގިނަ ކަންތައްތަކުގައި ފިރިހެނުން ފައި ހަމަކުރީއެވެ. އެގޮތުން ދަރިން ތަރުބިއްޔަތުކުރުމާއި، އެކުދިންގެ ކަންކަން އެންމެ ގާތުން ބެލުމުގައިވެސް ކުރިއެރީއެވެ. ނަތީޖާ ކިތަންމެހާވެސް ފުރިހަމައެވެ. ފިރިހެނުންނަކީ އުފެދުމުގައިވެސް ކަންކަމުގައި އަވަސް އަރުވައިގެން ކަންކަން ކުރުމާއި، ކަމެއްގެ އެންމެ ފަސޭހަގޮތް އިހްތިޔާރު ކުރާ ބައެކެވެ. އެހެންކަމުން ދަރިން ބެލުމުގެ ޒިންމާއާއި އެކުވެސް މިކަން ފެނިގެން ގޮސްފިއެވެ.

ތަފާތު މޮޅު އުކުޅުތައް އީޖާދުކޮށްގެން ދަރިންގެ ކަންކަން ފުރިހަމަ ކުރުމަކީ ގިނަ ފިރިހެނުންގެ ހުނަރެކެވެ. އަދި ލުއި ގޮތަކަށް ކާނާ ތައްޔާރު ކުރުމާއި، ފެންވެރުވުމާއި އެކުދިންގެ އެންމެހައި ކަންކަމުގައި މުޅިންވެސް އާ އީޖާދުތައް ތައާފަރު ކުރަމުން ދެއެވެ. އަދި މިފަދަ ގިނަ ކަންކަމީ އެކުދިންނަށް ހެއްވާ މަޖާ ކަމަކަށް ހައްދައިދެއެވެ. ގޭތެރެއިން ލިބެން ހުރި އެއްޗެއް ބޭނުންކޮށްގެން އެކުދިން ރުއްސަލެވޭފަދަ މޮޅެތި ކަންތައްކުރާ ބައްޕައިން މަދެއް ނޫނެވެ. މަންމަމެންނާއި އެކު އުޅުނު އުޅުމަށްވުރެ މަޖާ މާހައުލެއް ބިނާކޮށްދީފިއެވެ. ނަތީޖާއަކަށްވެގެން ދިޔައީ ބައްޕައާއި ކުދިން ގަޔާވާ މިންވަރު އިތުރުވީއެވެ. އަދި ބައްޕަ އާއި އެކު ކުރެވޭ މަޖާ އިތުރުވެ ގޭތެރެއަށް ދިރުން ގެނެސް ދެވުނީ އެވެ.

ގޭތެރޭގެ ގިނަ ކަންކަން ކުރުމުގައި ދަރިން ބައިވެރިކޮށްގެން މަސައްކަތް ކުރާ ބައްޕައިން މިހާރު ވަރަށް ވެސް ގިނައެވެ. ފޮޅާ ސާފުކުރުމުން ފެށިގެން މަރާމާތުގެ މަސައްކަތްތައްވެސް މެވެ. މީގެ ސަބަބުން އެދަރިން ބޮޑުވެގެން ދާއިރު ކުރިން ނޭނގޭ އެތައް ކަމެއް ދަސްވެ އަމަލީ ތަޖުރިބާ ލިބިގެން ދެއެވެ.

ދަރިންނާއި ބައްޕައާއި އޮންނަ ގުޅުން ރަނގަޅުވުމަކީ އެކުދިންގެ ސިކުނޑި އަވަހަށް ތަރައްޤީވާ ކަމެއްކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން ދެއެވެ. އެހެނީ ސިކުނޑިއަކީ ބޭނުން ގޮތަކަށް ހޭނިދާނެ އެއްޗަކަށް ވީހިނދު ބައްޕަ އާއި އެކު އުޅޭ ކުދިންނަށް މިފުރުސަތު ލިބޭ މިންވަރު އިތުރު ވާތީ އެވެ.

ދަރިން ބެލުމުގައި އާއި ތަރުބިއްޔަތު ކުރުމުގައި މަންމަ ނުވަތަ ބައްޕަގެ މަސްއުއްލިއްތު ކުޑައެއް ނޫނެވެ. ނަމަވެސް ފެންނަމުންދާ ހަޤީގަތަކީ މަންމަމެންގެ ބެލުމުގެ ދަށުން ތަރުބިއްޔަތުވާ ދަރިންނާއި ބައްޕަގެ ބެލުމުގެ ދަށުން ތަރުބިއްޔަތުވާ ދަރިންގެ ކިބައިން ބޮޑު ތަފާތުތަކެއް ފެންނަން ހުރުމެވެ. ބައްޕަމެން ތަރުބިއްޔަތުކުރާ ދަރިންގެ ހުނަރުވެރިކަން އިތުރުވުމަކީ ތަރުބިއްޔަތުގައި ބައްޕަމެން ކުރިހޯދާފައިވާ ކަމުގެ ހެއްކެކެވެ.