English Edition
Dhivehi Edition

ދޮގު ހަބަރު ފެތުރުމަކީ ވަރަށް ދަށް ފެންވަރެއްގެ އަމަލެއް ކަމަށާއި ސުއޫދުއަކީ ލުތުފީގެ ވަކީލެއް ނޫންކަމުގައި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިހެން ވިދާޅުވީ ނޮވެމްބަރ 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީގެ ވަކީލަކަށް މަޝްހޫރު ޤާނޫނީ ވަކީލް ހުސްނުއް ސުއޫދު ހަމަޖައްސާފައިވާކަމަށް ލުތުފީ ގެ ނަމުގައި ހަދާފައިވާ ޓުވިޓާ އެކައުންޓަކުން ކޮށްފައިވާ ޓުވިޓަކަށް ރައްދު ދެއްވަމުންނެވެ. ރޭ ލުތުފީ ކުރި ޓުވިޓެއްގައި ބުނީ ސަލާމަތުން ރާއްޖެ އާދެވުނީތީ އުފާކުރާކަމަށާއި ޖަލު ބަންދަށް ދާން ޖެހޭތީ ދެން ޓުވިޓް ނުކުރެވޭނެކަމަށެވެ. އަދި ލުތުފީގެ ގާނޫނީ ވަކީލަކަށް ހުސްނުއް ސުއޫދު ހަމަޖައްސާފައިވާކަމަށްވެސް ލުތުފީވަނީ ބުނެފައެވެ.

އެންމެ ފުރަތަމަ މި ޓުވިޓާ އެކައުންޓުން ޓުވިޓެއްކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގައެވެ. އެ ދުވަހު ލުތުފީ ކުރި ޓުވިޓްގައި ބުނީ 3 ނޮވެމްބަރުގެ ހާދިސާއަށްފަހު އެ ދުވަހު ކަން ހިނގާދިޔަ ގޮތް ހުޅުވާލެވިފައިވާ މާހައުލެއްގައި ކިޔައިދިނުމުގެ ފުރުސަތު އޭނާއަށް ލިބިފައި ނުވާކަމަށެވެ. އަދި އެ ދުވަހުގެ ހާދިސާގައި ޝާހިދުވި، ޝަހީދުންގެ އާއިލާގެ ކިބައިން މާފަށް އެދޭކަމުގައިވެސް ލުތުފީވަނީ ބުނެފައެވެ. މީގެ އިތުރުން ލުތުފީ އެންމެ ފަހުން ކުރި ޓުވިޓެއްގައި ބުނެފައިވަނީ ލަންކާ ދޫކޮށްދާންޖެހޭތީ ދެރަވާކަމަށާއި އަދިވެސް ލަންކާއަށް އެބުރި ދިއުމަކީ އުއްމީދެއް ކަމަށެވެ.