English Edition
Dhivehi Edition

އައްޑޫވިމެންސް އެސޯސިއޭޝަން (އަވަ) އާއި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އިން އިންތިޒާމުކޮށްގެން އައްޑޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ލީޑަރޝިޕް ވޯކްޝޮޕެއްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ޖުލައި 10 ވަނަ ދުވަހު އީކުއޭޓަރ ވިލެޖްގެ ބްލޫލެގޫންގައި ބާއްވާ މި ވޯކްޝޮޕަކީ އެއްދުވަހުގެ ޕްރޮގްރާމެކެވެ. މި ވޯކްޝޮޕްގައި ފެސިލިޓޭޓަރެއްގެ ގޮތުގައި ހުރިހާ ސެޝަންތަކެެއް ނަންގަވައި ދެއްވަވާނީ އައްޑޫވިމެންސް އެސޯސިއޭޝަނުގެ ރައީސާ އަދި ކުރީގެ ހެލްތް މިނިސްޓަރ ޑޮކްޓަރ މަރިޔަމް ޝަކީލާއެވެ.

ޖަމިއްޔާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމަކީ “ސްކިލް ބިލްޑިންގ އެންޑް އެންހޭންސިންގ ލީޑަރޝިޕް” ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ . ޖަމިއްޔާޖަމާއަތް ތަކުގެ އިތުރުން ވޮލެންޓްރީކޮށް މަސައްކަތް ކުރުމަށް ޝައުގުވެރިވާ ދެޖިންސުގެ މީހުންނާއި ލީޑަރޝިޕް ލެވެލްގައި މަސައްކަތް ކުރާ ފަރާތްތަކަށް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބެއެވެ.

އައްޑޫގައި މިހާރުވެސް ގިނަ ޖަމިއްޔާތައް ހަރަކާތްތެރިވަމުން އަންނައިރު މިފަދަ ލީޑަރޝިޕް ޕްރޮގްރާމުތައް އައްޑޫގައި ބޭއްވޭނެ ގޮތް ހަމަޖެއްސުމަށް އަބަދުވެސް އެންޖީއޯ ތަކުން އެދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ޖުލައި 10 ވަނަ ދުވަހު އޮންނަ މި ވޯކްޝޮޕް ކުރިއަށް ދާނީ އެދުވަހުގެ 8:30 އިން 2:00 އަށެވެ. ވޯކްޝޮޕްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް 9991269 މި ނަމްބަރަށް ގުޅުމުން ރަޖިސްޓްރީ ކުރުމުގެ ކަންތައްތައް ހަމަޖެހޭނެއެވެ.