English Edition
Dhivehi Edition

ކޮންމެމީހަކު ކޮންމެ އެއްޗެކޭ ބުންޏަސް ޤައުމުދެކެ ލޯބިވާނެ ކަމަށާއި ޒިންމާ ތަކުން ރެކިގަނެ ޤައުމު ދޫކޮށް ފިލައިގެން ނުދާނެ ކަމަށް މިހާރު އިންޑިއާއަށް ވަޑައިގެން އުޅުއްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އަދީބް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އަދީބު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އަހަންނަށް ދަތިއުންދަގޫތަކާއި އުފާވެރި ވަގުތުތައް ކުރިމަތިވެފައި ވެއެވެ. އަދި އަހަރެން އަބަދުވެސް ތަހުގީގުތަކާއި ކުރިމަތި ލާނެކަމަށާއި ޒިންމާތަކުން ރެކިގެން ނުދާނެކަމަށެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް އަހަރެން އަހަރެންގެ ޤައުމުދެކެ ލޯބިވެއެވެ. މީގެ އިތުރުން އެޓްވީޓްގައި ލިޔުއްވާފައިވަނީ، “އަހަރެން އުފަންވީ ތިބާއަށް(ޤައުމަށް) ޓަކައެވެ. އަހަރެންގެ ޒިންމާ އަކީ ތިބާއަށް ހިދުމަތް ކުރުމެވެ. އަދި ތިބާއަށް ވުރެން ރީތި ފުރިހަމަ އެއްވެސް އެއްޗެއް ނުދެކެމެވެ. އެއްވެސް މީހަކީ ހުރިހާކަމެއް މިލްކު ވެފައިވާ ފުރިހަމަމީހެއް ނޫނެވެ. ސަލާމަތުގެ އައްސޭރިއަށް އާދެވޭނީ ގުޅިގެން ހިތްވަރާ އެއްކޮށް ކުރެވޭ މަސައްކަތުންނެވެ” އަދީބް ވިދާޅުވެފައި ވެއެވެ.

އަދީބު އިތުރަށް ވިދާޅުވީ، އޭނާބޭނުން ވަނީ ދޭންކަމަށާއި އަތުލާކަށް ނޫން ކަމަށެވެ. އަދި ފުރުމާލާން ކަމަށާއި ޖަހާކަށް ނޫން ކަމަށެވެ. ޖަލުގެ ދަގަނޑު ތޭރިތަކުގެ ތެރެއިން ސުލްހައާއި އުއްމީދުގެ އަލިކަމެއް ފެނިވަޑައިގެންނެވި ކަމަށާއި ގައީދެއްގެ ގޮތުގައި ބަންދުވެ އެންމެ ހިތްދަތި ވަގުތުތަކުގައި ވެސް ގައުމާއެކު އިންސާފު ހޯދަން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

“ޒިންމާއިން ރެކިގަތުމާއި ފިލައިގެން ދިއުމަކީ އަހަރެންގެ އުސޫލެއް ނޫނެވެ. ތިބާގެ ހިދުމަތުގައި އުފުލަން ޖެހުނު ކޮންމެ ޒިންމާއެއް އުފުލައި ހުރަސްތައް ގިރާކޮށް ކުރިމަތިލާން ޖެހުނު ކޮންމެ ކަމެއްގައި މި ކުރިމަތިލަނީ ލޯބީގެ ހައްގުގަ އެވެ. ތިޔައީ އަހަރެން ލޯބިވާ އަހަރެންގެ ގައުމެވެ. މިދިވެހިރާއްޖެ އެވެ.” އަދީބުގެ ޓްވީޓުގައި ހިއްސާކުރެއްވި ލިއުމުގައިވެ އެވެ.

ޖޫން މަހުގެ 14 ވަނަ ދުވަހު އިންޑިއާއަށް ފުރާވަޑައިގެންނެވި އަދީބަށް ފުރަތަމަ ދެވުނު ދިހަ ދުވަހުގެ މުއްދަތަކަށެވެ. އެހެން ނަމަވެސް ފަހުން ކަރެކްޝަންސްއިން ދިހަ ދުވަސް އިތުރު ކޮށްދީފައިވެއެވެ. އަދީބު އަރިހުގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮފިސަރުން ވެސް އިންޑިއާއަށް ދަތުރު ކޮށްފައިވެއެވެ.

އަދީބަށް ފުރަން ހުއްދަދިނުމާއެކީ ސަރުކާރަށް ފާޑުކިޔުން ތައް އަމާޒުވިއެވެ. އެހެން ނަމަވެސް ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ ވިދާޅުވީ އަދީބަށް ފިއްލަވަން ފުރުސަތު ނުދެއްވާނެ ކަމަށާއި، ފިއްލަވައިފި ނަމަ އެކަމުގެ ފުރިހަމަ ޒިންމާ ނަންގަވާނެ ކަމަށެވެ.

އަދީބްގެ ބޭސްފަރުވާގެ މުއްދަތު ހަމަވެ މިއަދުގެ ވަގުތެއްގައި މާލެ ވަޑައިގަންނަވާނެ ކަމަށް ކަރެކްޝަންސް އިންވަނީ ބުނެފައެވެ.