English Edition
Dhivehi Edition

ކޮންމެ މީހެއްގެ ވެސް އުއްމީދަކީ ތިމާ މަސައްކަތްކުރާ މަހައުލު ނުވަތަ އޮފީހަކީ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެކު މަސައްކަތްކުރާ މާހައުލަކަށް ވެގެންދިއުމެވެ. ހިތްހަމަޖެހުމާއި އުފާވެރިކަމާއި އެކު މަސައްކަތްކުރެވޭނީ އެކުވެރި އެއްބައިވަންތަ މާހައުލެއްގައި ކަން ޔާގީނެވެ. އެހެންނަމަވެސް ބައެއް ފަހަރު މި އުފާވެރިކަމާއި ހިތްހަމަޖެހުން މަސައްކަތު މާހައުލުން ނުލިބޭތަން އާދެއެވެ. މިކަމުގެ މައިގަނޑު އެއް ސަބަބަކީ އެ މާހައުލުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބާރުލުން ނެތުމެވެ. އެކަކަކު އަނެކަކަށް ‘ބަދުބަސް’ ބުނުމާއި ގަނާކުރުމެވެ. މި ކަމުގެ ސަބަބުން އޮފީހުގެ މަސައްކަތްތަކަށްވެސް ބައެއް ފަހަރު ހުރަސް އެޅޭތަން އާދެއެެވެ. އެހެންނަމަވެސް މިފަދަ މަސައްކަތު މާހައުލެއްގައި ބައެއްފަހަރު ކަންތައްތައްކުރެވިދާނެގޮތްތައް އެބަހުއްޓެވެ.

  • އަބަދުވެސް ހިތްވަރާއެކު ކެރިގެން މަސައްކަތްކުރުން: މި ގޮތަށް ކަންތައް ކުރާކަމުގައިވާނަަމ ތިމާއަށް މަލާމަތްކޮށް ފުރައްސާރަކުރާ މީހުންގެ ހިތްވަރު ބަލިވެގެންދެއެވެ. އެމީހުންގެ ބަދުބަސްތަކާއި ގަނާކުރުމާއެކުވެސް ހިތްވަރާއި އެކު ކުރިއަށްދާނެ އެކަމުގެ އަސަރު ތިމާއާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް ކުރާނެކަން ޔަގީނެވެ.
  • ތިމާ އާއި ބެހޭ ގޮތުން ވާހަކަދައްކާކަން އެނގޭކަން އަންގާލުން: އަބަދުވެސް ތިމާއަށް މަލާމަތްކުރާ ފަރާތްތަކުން އެކަން ކުރާކަން ތިމާއަށް އެނގޭކަން އަންގާލުމަކީ ވަރަށް މުހިއްމުކަމަކެވެ. އެކަމަކު މި ފަދަ ވާހަކައެއް އެނގޭކަން އަންގާލައިރުވެސް ވިހާވެސް ރީތިކޮށް މަސައްކަތު މާހައުލުގެ ހަމަޖެހުން ނުގެއްލޭ ގޮތަށް ކުރިއަށް ގެންދިއުމަށް ވިސްނަންވާނެއެވެ. ތިމާއާއި ބެހޭ ގޮތުން ދައްކާ ނޭދެވޭ ވާހަކަތައް އެނގޭކަން އެގުމުން ދެވަނަ ފަހަރަށް އެ ވާހަކަތައް ދެއްކުމަށް ފަސްޖެހިގެންދާނެއެވެ.
  • އަމިއްލަ ދިރިއުޅުމުގެ ވާހަކަ ހިއްސާނުކުރުން: ތިމާ އާއި ބެހޭ ގޮތުން ނޭދެވޭ ވާހަކަތައް ދައްކާ މީހުންނާއި އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ހިއްސާނުކުރާށެވެ. އެ ވާހަކަތައް ހިއްސާކުރުމުން އަބަދުވެސް އެ ފަދަ މީހުން  ތިމާއަށް ދެރައެއް ލިބޭ ގޮތަށް އެކަން ނިމިގެން ދިއުމަށް މަސައްކަތްކުރާނެއެވެ. އަދި ތިމާ އާއި ބެހޭ ގޮތުން ފާޑުފާޑުގެ ވާހަކަދެއްކުމަށް ހުޅުވިގެންދާ އިތުރު ދޮރެއްކަމުގައި އެ ވާހަކަތައް ވެގެންދާނެއެވެ.
  • މަސައްކަތު މާހައުލުގައި ތިމާއައި ހަވާލުކުރާ މަސައްކަތްތައް އަމިއްލައަށް ފުރިހަމަ ކުރުން: އަބަދުވެސް އޮފީސް މާހައުލުގައި އޮންނަ އަދާވަތްތެރިކަމުގެ އެންމެ ބޮޑު ސިއްރަކީ އެކަކަށްވުރެ އަނެކަކު ކުރިއަރައި ދިއުމެވެ. އެހެންކަމުން އަބަދުވެސް ތިމާއާއި ހަވާލުކުރާ މަސައްކަތް އެންމެ ރަގަޅުގޮތުގައި ފުރިހަމަ ކުރުމަށް ވިސްނަން ޖެހެއެވެ. އެ ފަދަ މަސައްކަތްތައް ތިމާއާއި ދެކޮޅުވެރި ބަޔަކާއި ހަވާލުކޮށްފިނަމަ އެކަމުގެ ނޭދެވޭ އަސަރުކުރުމަކީ އެކަށީގެން ވާކަމެކެވެ.
  • އަބަދުވެސް ކުރާ މަސައްކަތައް ސަމާލުކަން ދިނުން: އަބަދުވެސް ވިސްނަންޖެހޭ އެންމެ މުހިއްމު ކަމަކީ ތިމާ އަދާކުރާ ވަޒީފާއަކީ އެހެން މީހުންނަށްޓަކައި ތިމާ ކުރާ ކަމެއް ނޫންކަމެވެ. އެއީ ތިމާގެ ކުރިއެރުމާއި ހިތްހަމަޖެހުމަށްޓަކައި ތިމާ ކުރާ ކަމެއްކަމުގައި ދަންނަންޖެހެއެވެ. އެހެންކަމުން ކޮންމެފަދަ މާހައުލެއްގައި މަސައްކަތްކުރަން ޖެހުނު ކަމުގައި ވިޔަސް އަބަދުވެސް އެންމެ އިސްކަންދޭ ކަމަކީ ތިމާ އާއި ހަވާލުކުރެވިފައިވާ ޒިންމާކަން ހަނދާންކުރަންޖެހެއެވެ. މަސައްކަތު މާހައުލުގައި ހިނގާ ނުރަގަޅު ކަންތައްތަކަށް ސަމާލުކަންދޭން ހަދައިގެން އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރެވުމަކީވެސް އެކަށީގެން ވާކަމެކެވެ.

ވަޒީފާގެ މާހައުލުގެ ހިތްހަމަޖެހުމަކީ އެތަނެއްގެ އުފެއްދުންތެރިކަން އިތުރުވެ ކުރިއަރައިގެން ދާނެ ސަބަބެއްކަން ޔަގީނެވެ.އެހެންކަމުން ކޮންމެ ތަނެއްގައި ވަޒީފާ އަދާކުރިނަމަވެސް އަބަދުވެސް ބަލަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ އެ ތަނެއްގައި ހަމަޖެހުން ގާއިމުކުރެެވޭތޯއެވެ. އެކުވެރިކަމާއި އެއްބައިވަންތަ ކަން އާލާކުރެވޭތޯއެވެ.  މިހެންވެއްޖެނަމަ ވަޒީފާގެ މާހައުލު ވެގެންދާނީ ވަރަށްވެސް އުފާވެރި ހަމަޖެހޭ ތަނެއްކަމުގައި ޔަގީނެވެ.