English Edition
Dhivehi Edition

ވިޔަފާރިއާއި އިގްތިޞާދުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށްދީ އަންހެނުން ބާރުވެރިކުރުވުމުގެ މަގްޞަދުގައި ކުރިއަށް ގެންދިޔަ ގްލޯބަސް ޕްރޮޖެކްޓް ، އައްޑޫވިމެންސް އެސޯސިއޭޝަން (އަވަ) އިން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ގްލޯބަސް ޕްރޮޖެކްޓަކީ 6 ގައުމަކާއެކު ޕާޓްނަރޝިޕް ވެގެން ޔޫރަޕިއަން ޔޫނިއަންގެ އިރަސްމުސް ޕްލަސް ޕްރޮގްރާމުގެ ދަށުން ފަންޑްކޮށްދީގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ރާއްޖޭގެ ފަރާތުން އެ ޕްރޮގްރާމުގައި ބައިވެރިވީ އައްޑޫ ވިމެންސް އެސޯސިއޭޝަނުންނެވެ.

6 ގައުމެއްގައި ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓްގެ އެންމެ ފަހުގެ ޕްރޮގްރާމު އޮތީ ބްރެޒިލްގައެވެ. ބްރެޒިލްގެ އިތުރުން ވިއެޓްނާމް، ފިލިޕީންސް، ސިންގަޕޯރ، ސްލޮވީނިއަރ ރާއްޖޭގައި ވެސް މި ޕްރޮޖެކްޓްގެ ޕްރޮގްރާމު ތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ މެއި މަހު ސިންގަޕޫރުގައެވެ. ސިންގަޕޫރުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ވަނީ 2 އަހަރުގެ ތެރޭގައި އެކި ދުވަސްތަކަކަށް ބަހާލައިގެން ގްލޯބަސް ޕްރޮޖެކްޓްގައި ބައިވެރިވާ އެހެން ހުރިހާ ގައުމުތަކެއްގައި ޕްރޮގްރާމު ހިންގުމަށް ޝެޑިއުލް ކޮށްފައެވެ.

ގްލޯބަސް ޕްރޮޖެކްޓްގައި އިގްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމާއި ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމުގައި ޕްރޮޖެކްޓްތައް ރާވާ ހިންގުމަށްޓަކައި ބޭރުގެ އެހީދޭ ޖަމިއްޔާ ޖަމާއަތްތަކުން އެހީ ހޯދާނެ ގޮތްގޮތާއި އެކަންކަން ކުރުމަށް މަގުފަހިކޮށް އެކަން ކުރުމަށް އަމަލީ ގޮތުން މަސައްކަތްކޮށް ތަޖުރިބާ ހޯދުން ހިމެނެއެވެ. އަދި ހަމަ އެއާއެކު ދެމެހެއްޓެނިވި ގޮތަކަށް ވިޔަފާރި ކުރުމަށާއި އަދި ވިޔަފާރި ކުރިއެރުވުމަށް ހުރި ފުރުސަތުތަކާ ހުރި ގޮންޖެހުންތައް ހިމެނޭ ތަފާތު ވޯކްޝޮޕްތައް ކުރިއަށް މި ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ.

މިފަހަރު ބްރެޒިލްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި އަވައިގެ ރައީސާ ޑރ މަރިޔަމް ޝަކީލާ ވަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ޕްރޮމޯޓުކޮށް އަދި ރާއްޖޭގެ ރީތިކަމާއި ދިވެހިންގެ މަސައްކަތްތެރިކަން އަންގައިދޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަވާފައެވެ. މީގެ އިތުރުން ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި ކްލައިމެޓް ޗޭންޖާއި، ރަށް ގިރުމުގެ މައްސަލައާއި ކުނިބުނީގެ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާ އެކަންތައްތަކާ އޭގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ޕްރޮގްރާމުގެ ބައިވެރިންނަށް މައުލޫމާތު ފޯރުކޮށް ދެއްވަވާފައެވެ.

ގްލޯބަސް ޕްރޮގްރާމަށް ފަހު “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން އަވައިގެ ނައިބް ރައީސާ ޖުވެއިރިއްޔާ ވަޖުދީ ވިދާޅުވީ ނިމިގެން ދިޔަ ޕްރޮޖެކްޓަކީ ގިނަ މައުލޫމާތު ތަކެއް އެނގި އަދި ވިޔަފާރީގެ ތަފާތު ގިނަ މަސައްކަތްތަކެއްގެ ތެރެއަށް ލޯހުޅުވިގެން ދިޔަ ކާމިޔާބު ޕްޕޮޖެކްޓެއް ކަމަށެވެ.

“މީގެއިން އެންމެ ބޮޑަށް އެނގި ދަސްވެގެން ދިޔައީ ކޮންމެ ގައުމަކުން ވެސް އެގައުމަކުން ލިބެން ހުރި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ކާމިޔާބު ކަމާއެކު މަސައްކަތް ކޮށް އިގްތިޞާދީ ގޮތުން ކުރިހޯދިދާނެކަން. ކޮންމެހެން އެހެން ގައުމުތަކަށް ބަރޯސާ ވާން ނުޖެހޭކަން. އަދި ވިޔަފާރީގައި ކުރިއަށް ދިއުމަށް މަސައްކަތް ކުރަންޖެހޭ ތަފާތު މޮޅު ހުނަރުތައް މި ޕްރޮޖެކްޓްގެ ތެރެއިން ދަސްވެގެން ދިޔަ. ހަމަ އެއާއެކު ތަފާތު ގިނަ ގައުމު ތަކެއްގެ މަސައްކަތްތެރިންގެ މަސައްކަތް ގާތުން ބަލައި އެމަސައްކަތް ކުރާގޮތް ދަސްކޮށް އެކި އެކި ގައުމުތަކުގެ ސަގާފަތް ދަސްކުރާނެ ފުރުސަތު ލިބިގެން ދިޔަ ޕްރޮޖެކްޓެއް މިއީ” ޖުވޭ ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ރާއްޖޭގެ ފަރާތުން ނެގީ ރުކުގެ ބާވަތްތަކުން އުފެއްދޭނެ ބާވަތްތަކުގެ ވިޔަފާރިއެވެ. މިއީ ދެ އަހަރު ދުވަހަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.