English Edition
Dhivehi Edition

ސާނަވީ މަރުހަލާގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން، އައްޑޫ ސިޓީ ހިތަދޫ ސްކޫލްގައި ކުރިއަށްގެންދިޔަ “ކޭމްޕް ފުރާވަރު” ނިންމާ ބައިވެރިންނަށް ސެޓުފިކެޓު ދީފިއެވެ.

ފުލހުންގެ މީޑިއާގައި ބުނެފައިވަނީ މި ފުރާވަރު ކޭމްޕަކީ، ސްކޫލް ދަރިވަރުންގެ އަޚްލާގާއި ސުލޫކު ހެޔޮގޮތުގައި ބައްޓަން ކުރުމާއި އެކު ކުށްމަދު މުޖްތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި ކޭމްޕެއްކަމަށެވެ.

ޝަރަފުއްދީން ސްކޫލްގައި މިދިޔަ ހޮނިހިރު ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ސައުތު ޕޮލިސް ޑިވިޜަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ރަޝްވާނެވެ.

މި ރަސްމިއްޔާތުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ރަޝްވާން ވަހަކަފުޅު ދައްކަވަމުން ވިދާޅުވީ، މި ކޭމްޕުން ދަސްވި ހުނަރުތަކާއި ދިރިއުޅުމުގެ ރީތި އަދަބުތަކުގެ ބޭނުން އަމަލީ މައިދާނުގައި އެންމެ ފުރިހަމަ ގޮތުގައި ހިފައި ނަމޫނާ ދެއްކުމަށް ކޭމްޕުގައި ބައިވެރިވި ދަރިވަރުންގެ ކިބައިން އެދިލައްވާ ކަމަށެވެ. ޖޫން 27 ން ޖޫން 29 ށް ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ މި ކޭމްޕްގައި ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން،ނުރައްކަލުން ދުރުހެލިވެ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުން ބައްޓަންކުރަންވީ ގޮތާއި އިންޓަރނެޓުގެ ޒަރީއާއިން ކުރިމަތިވާ ކުށްތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތްތައް ބުނެދީފައިވެއެވެ.އިސްލާމީ މުޖުތަމަޢެއްގައި ހަރުދަނާ ރަށްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މަޢުލޫމާތު ދިނުމުގެ އިތުރުން މަދަރުސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މަޢުލޫމާތުދީ އަދި ވަގުތަކީ އަގުހުރި އެއްޗެއްކަން ބުނެދީ އަބަދުވެސް ގަޑިން ގަޑިއަށް ކަންތައްތައް ކުރުމަށް ނަސޭހަތް ދެއްވައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވައި އަމިއްލަ ސާފުތާހިރުކަމާއި ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން ބުނެދީ ފައި ވެއެވެ.

އަދި ދަރިވަރުންގެ ކިބައިގައި ޤައުމީ ލޯބި އިތުރުކުރުމާއި ޤައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަކާދަތަކަށް އަހުލުވެރިކުރުވައި، ޤާނޫނާއި ޤަވާއިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.މީގެ އިތުރުން ކާމިޔާބު ބެލެނިވެރިޔަކަށް ވުމަށްޓަކައި ކަންތައްތައް ކުރަންޖެހޭގޮތް ކިޔައިދިނުމަށާއި، ދަރިވަރުންނާއިމެދު ތަފާތު ކުރުމެއްނެތި ހަމަހަމަކޮށް ކަންތައްތައް ކޮށްދިނުމަށް އަދި ބެލެނިވެރިޔާއާއި ދަރިވަރާއި ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު ދީފައި ވެއެވެ.

މި ކޭމްޕްގައި ޝަރަފުއްދީން ސްކޫލުގެ 83 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.