އޮލިމްޕިކު ކުލާސް ރޯވިން ބޯޓެއްގައި މިނިސްޓަރ މަހުލޫފްގެ ފަލިޖެއްސެވުން ތާރީޚުގެ ތެރެއަށް
4 މަސް ކުރިން
ޝިމްލާ އަހްމަދު

މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމަންޓް އަޙުމަދު މަހުލޫފް އިއްޔެ އައްޑޫގެ ރޯވިން ސައިޓަށް ވަޑައިގެން ރޯވިންގައި ޢަމަލީ ގޮތުން ބައިވެރިވެ ވަޑައިގެން އޮލިމްޕިކު ކުލާސް ރޯވިން ބޯޓެއްގައި ފަލިޖެއްސެވުމަކީ އަދި މިހާތަނަށް ރާއްޖޭގެ އެއްވެސް މިނިސްޓަރަކު ކުރައްވަވާފައި ނުވާކަމެއް ކަމަށް ރޯވިން އެސޯސިއޭޝަނުން ބުނެފިއެވެ.

ރޯވިން އެސޯސިއޭޝަންގެ ރައީސް އަޙްމަދު ހަބީބު ވިދާޅުވީ  ރޯވިންގެ ހަރަކާތްތައް ރާއްޖޭގައި ކުރިއަށް ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ދިވެހިތާރީޚުގައި ރާއްޖޭގެ މިނިސްޓަރަކު އޮލިމްޕިކު ކުލާސް ރޯވިން ބޯޓެއްގައި ފަލިޖެއްސެވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

Advt

Advertisement

މިނިސްޓަރ މަހުލޫފް އައްޑޫއަށް ކުރެއްވެވި ދަތުރުފުޅުގައި އިއްޔެ  ވަނީ ރޯވިންއެސޯސިއޭޝަންގެ ފަލިޖަހާ ބޯޓުފަހަރު ބަހައްޓާފައިވާ މިފްކޯގެ އައިސްޕްލާންޓް ސަރަޙައްދަށް ވަޑައިގެން ބޯޓުފަހަރާއި ރޯވިންއެސޯސިއޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާގޮތް ބައްލަވާލައްވަވާފައެވެ.  އަދި އެ ސަރަހައްދުގައި ތިބި ފަލި ޖަހާކުދިންނާއި އެކުދިންގެ ބެލެނިވެރިންނާ ބައްދަލުކޮށް މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ ރޯވިން އެސޯސީއޭޝަނާމެދު ކުރިން ގެންގުޅުއްވި ވިސްނުންފުޅު ބަދަލުވެފައިވާ ކަމަށާއި އެ އެސޯސިއޭޝަންގެ ރައީސް އަޙުމަދު ޙަބީބު އެދިވަޑައިގެންނެވި ކަންކަން ކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި އެސޯސިއޭޝަންގެ ރައީސް ހަބީބު ވަނީ އެސޯސިއޭޝަނަށް ބޭނުންވާ ކަންކަމާއި ހުރިދަތި ތަކާ ބެހޭ މަޢުލޫމާތު ޙިއްސާ ކުރައްވާފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިސަރުކާރުން މޫދުކުޅިވަރަށް ވަރަށްބޮޑަށް އިސްކަމެއް ދެއްވާ ކަމަށާއި އެގޮތުން ރޯވިންއަކީ ރާއްޖޭގައި ކުރިއެރުވިދާނެ ކުޅިވަރެއް ކަމުން މެދު ނުކެނޑި އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސެމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށްވެސް މިނިސްޓަރ މަހުލޫފް  ވިދާޅުވިއެވެ.

ރޯވިން އެސޯސިއޭޝަނުގެ ފަރާތުން ވަނީ މިނިސްޓަރަށް އެ އެސޯސިއޭޝަނުގެ ޖާޒީއެއް ހަދިޔާ ކުރައްވަވާފައެވެ. މިނިސްޓަރ މަހުލޫފް ވަނީ އެ ޖާޒީގައި އޮލިމްޕިކު ކުލާސް ރޯވިން ބޯޓެއްގައި ފަލިޖައްސަވާފައެވެ.

ރޯވިން އެސޯސިއޭޝަންގެ ރައީސް އަޙުމަދު ހަބީބު ވިދާޅުވީ މެދު ނުކެނޑި ރޯވިންގެ ޙަރަކާތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުން މިހާރުވެސް އައު ކުދިންތަކެއް ނަގައިގެން އެކުދިންނަށް ހަފްތާއަކު 6 ދުވަހު ތަމްރީން ދެއްވަމުން ގެންދަވާ ކަމަށް ހަބީބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކުދިންނަށް މިހާރު ބޭނުންވަނީ ދާއިމީ ކޯޗުން ކަމަށެވެ.

:ދާއިމީ ކޯޗުން ހަމަޖައްސަވައިދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި .  އެއީ ރޯވިން ކުރިއަރުވަން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ދިރުމަކާއި ހިތްވަރެއް . މިހާރުވެސް ކޯޗުން އެބަތިބި. ބޭނުވަނީ އެމީހުންން ދާއިމީ ކޯޗުންގެ ގޮތުގައި އެމީހުން ހަމަޖެހިގެންދިޔުން،” ހަބީބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޔޫތު މިނިސްޓަރ މިއަދު ދެއްވި އުފާވެރި ޚަބަރުތަކުގެ ސަބަބުން މުޅި ރޯވިން ފެމިލީ އޮތީ އުފަލުން ކަމަށެވެ. އެކަމަށްޓަކައި މިނިސްޓަރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.