English Edition
Dhivehi Edition

ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ މީހުންނަކީ ވަރަށް ބިޒީ ޝެޑިއުލްއެއްގައި މަސައްކަތްކުރާ މީހުންނެވެ. ހާއްސަ ޑްރާމާ ސިލްސިލާތަކުގައި މަސައްކަތްކުރާ ގިނަ ތަރިން އެމީހުންގެ ދުވަހުގެ ބޮޑު ބައި ހޭދަކުރަނީ އެމީހުންގެ މަސައްކަތުގައެވެ. ގިނަ ތަރިންނަށް އެމީހުންގެ ބިޒީ ޝެޑިއުލް އިން ވަގުތު ހޯދައިގެން ރައްޓެހިންނާއި ލޯބިވެރިންނާއެކު ހޭދަކުރާނެ މާ ގިނަ ވަގުތެއް ނުލިބެއެވެ. އެހެންކަމުން ޑްރާމާ ސިލްސިލާތަކުގައި މަސައްކަތްކުރާ ގިނަ ތަރިން އެމީހުންގެ ހަޔާތުގެ ބައިވެރިން ހޯދާފައިވަނީ އެމީހުންގެ ޑްރާމާގެ ސެޓުންނެވެ.

ޕާތް ސަމްތާން އާއި އެރިކާ ފެނާންޑެސް: މިހާރު ސްޓާ ޕްލަސް އިން ދައްކަމުންދާ އެންމެ މަގުބޫލު ޑްރާމާ ‘ކަސޯޓީ ޒިންދަގީ ކޭ’ ގައި މި ދެތަރިން ފެނިގެންދަނީ ހަޔާތުގެ ބައިވެރިންގެ ގޮތުގައެވެ.މި ޑްރާމާއިން ދިމާވެ މި ދެތަރިންގެ ރަހްމަތްތެރިކަން މިހާރު ލޯތްބައް ބަދަލުވެފައިވާކަމަށް ގިނަ ބަޔަކުދަނީ ބުނަމުންނެވެ. ކަސޯޓީގައި މި ތަރިންނާއެކު މަސައްކަތްކުރާ ފަރާތަކުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ދެ ތަރިން ޝޫޓިންއަށް އަންނަނީވެސް އެކުގައި ކަމަށާއި ނިމިގެން ގެއަށް ދަނީވެސް އެކުގައި ކަމަށެވެ. އަދި އަބަދުވެސް ހުސް ވަގުތެއް ލިބިއްޖެނަމަ ދެތަރިން އެކަކަކު އަނެކަކަށް ވަގުތުދޭ ކަމަށާއި އެރިކާގެ މޭކަޕްރޫމް އިން ޕާތް ފެންނަކަމަށް އެ ފަރާތުންވަނީ ބުނެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ދެތަރިން މިހާރު އެކަކު އަނެކަކުގެ އާއިލައާއިވެސް ބައްދަލުކޮށްފައިވާއިރު ދެމީހުންވަނީ ޕާތްގެ އުފަންދުވަސް ފާހަގަކުރުމަށް ކުރު ޗުއްޓީއެއްވެސް އެކުގައި ހޭދަކޮށްފައެވެ.

އަދްނާން ހާން އާއި އީޝާ ސިންގް: ޒީޓީވީއިން ދައްކަމުންދާ ޝޯ ‘އިޝްޤް ސުބްޙާނައްލާ’ގައި އަދްނާން ހއާއި އީޝާ ގެ ޖޯޑަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޖޯޑެކެވެ. މި ޑްރާމާގައި ދެމީހުންގެ ގުޅުން ވަރަށް ފުރިހަމައަށް ފެނިގެންދާއިރު ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، އެ ހުރިހާ ރަހަތަކެއް ޑްރާމާގައި ހެޔޮވަރުކޮށް ގެނެސްދެވެމުންދަނީ ހާގީގީ ދިރިއުޅުމުގައިވެސް ދެމީހުންގެ ޖޯޑު އެހާ ފުރިހަމަވުމުންނެވެ. މި ދެތަރިން، އެމީހުންގެ ގުޅުމާއި ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައިނުވިނަމަވެސް އީޝާގެ އިންސްޓަގްރާމަށް ބަލާލުމުން އެ ދަތަރިންގެ ގުޅުން ގޮސްފައިވާ ހިސާބު ވަރަށް ރަގަޅަށް އެގިގެންދެއެވެ.

މޮހްސިން ޚާން އާއި ޝިވާންގީ ޖޯޝީ: ‘ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ’ އިން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. މި ދެތަރިންވެސް އެ ގުޅުމާއި ބެހޭ ގޮތުން މިޑިއާގައި ވަރަށް ގިނަ ފަހަރަށް ވާހަކަދައްކާފައިވާއިރު އަދި މި ދެތަރިންވެސް ކައިވެނިކުރާނެ ވަކި ތާރީހެއް ނިންމާފައެއް ނުވެއެވެ. މީގެ ދެ އަހަރު ކުރިން ޔޭ ރިޝްތާގެ ސެޓުން ދިމާވި މި ދެތަރިންވަނީ އާއިލާއާއި އެކު އެކި އެކި ހަފްލާތަކުގައިވެސް ބައިވެރިވެފައެވެ.

ސިލްސިލާތަކުގައި މަސައްކަތްކުރާ ގިނަ ތަރިން އެ މީހުންގެ މަސައްކަތްކުރާ ޑްރާމާގެ ސެޓުން ލޯބިވެރިން ހޯދާފައިވާއިރު މި ފަދަ ގިނަ ތަރިންވަނީ ކައިވެނިވެސް ކޮށްފައެވެ.