English Edition
Dhivehi Edition

އައްޑޫސިޓީ، ފޭދޫގެ ބޮޑުމަގުގައި އަމިއްލަ ފަރާތަކުން އިމާރާތް ކޮށްފައިވާ އޮއޭސިސް ކޮމްޕްލެކްސް އަކީ ފިހާރަ އާއި އޮފީހާއި އިދާރާ، ވިދާރާފަދަ ތަންތަން ހިންގުމަށް ޚާއްޞަކުރެވިފައިވާ ވަރަށް ހިތްގައިމު ތަނެކެވެ. އެއްފަހަރާ ގިނަ ބަޔަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މިތަނުގައި ކުއްޔަށް ދޫކުރާ 20 ޖަގަހަ ހަދާފައި ވެއެވެ. މިޖަގަހަ ތަކުގައި ވިޔަފާރިއާއި އޮފީސްތައް ހިންގާ ފަރާތްތަކަށް ފަސޭހަކަމާއެކު ތަން ބޭނުންކުރެވޭނެ ތަފާތު ވަސީލަތްތައް ވެސް ޤާއިމުކުރެވިފައި ވެއެވެ. އެގޮތުން ބަލާއިރު ފާޚާނާބަރިއަކާއި ބަގީޗާއެއް، ކުޑަ ޖަލްސާ މާލަމަކާއި ކެންޓީން ސަރަހައްދެއް އަދި ޕާޓީ ހޯލެއްވެސް އޯއޭސިސްގައި ގާއިމު ކުރެވިފައި ވެއެވެ.

އޮއޭސިސް ކޮމްޕްލެކްސް އާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން އޮއޭސިސްގެ ހިއްސާދާރު އަޙުމަދު ޒާހިދު ބުނުއްވީ އެފަދަ ތަނެއް އިމާރާތްކޮށް ތައްޔާރު ކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ އައްޑުއަށް އަމާޒު ކުރެވިފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އައްޑޫގައި، އަލަށް ވިޔަފާރި ފައްޓަން ބޭނުންވާ ފަރާތްތަކަށާއި، އައްޑޫގައި ވިޔަފާރިގޮތްޕެއް ހިންގަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު އެކަން ކުރެވޭނެ ފަދަ މާހައުލެއް ޤާއިމުކޮށް ދިނުމެވެ. އެގޮތުން އެތަނުގައި ހަދާފައިވާ އެކި ވަރުގެ ޖަގަހަތައް ތައްޔާރު ކޮށްފައިވަނީ ފަސޭހަކަމާއެކު ބޭނުންކުރަން ފެއްޓޭނެހެން ކަރަންޓާއި ސެކިއުރިޓީގެ ޚިދުމަތްވެސް ލިބޭ ގޮތަށް ކަމަށާއި މިހާރުވެސް ބަހެއް ޖަގަހަތައް ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ. އަދި ޒާހިދު އުއްމީދު ކުރައްވަނީ ވަރަށް އަވަހަށް ޖަގަހަ ތަކުގައި ތަފާތު ވިޔަފާރި ތަކާއި އޮފީސްތައް ޤާއިމްކުރެވި، ޕާޓީ ތަކާއި ޙަފުލާތަކާއި އެއްވުންތައް ބޭއްވޭތަނަކަށް އޮއޭސިސް ކޮމްޕްލެކްސް ވެގެން ދިއުމެވެ. އަދި ގިނަ ބަޔަކަށް ތަފާތު ޚިދުމަތްތައް ފޯރުކޮށްދެވޭ، ވިޔަފާރިތަކަށް ފަހި، ގިނަ ބަޔަކު އެއްވެ އުފާވެރިކަމާއެކު ވަގުތުތައް ހޭދަކުރާތަނަކަށް އޮއޭސިސް ކޮމްޕްލެކްސް ވެގެން ދާނެކަމަށްވެސް އުއްމީދު ކުރައްވާ ކަމަށެވެ.

ގަމުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރާއި ފޭދޫގެ ބަނދަރާއި ބައެއް ގެސްޓު ހައުސްތަކާވެސް މާ ދުރު ނޫން ހިސާބެއްގައި ހުރި، އޮއޭސިސް ކޮމްޕްލެކްސް އަކީ ފޭދޫގެ މައި މަގުގައި އިމާރާތްކޮށްފައިވާ 2 ބުރީގެ ވަރަށް ރީތި އިމާރާތެކެވެ. މިތަނުގައި ހުރި 20 ޖަގަހައިގެ ތެރެއިން އެންމެ ބޮޑު ޖަގަހައިގެ ބޮޑުމިނަކީ 378 އަކަފޫޓެވެ. އަދި އެންމެ ކުޑަ ޖަގަހައިގެ ބޮޑުމިނަކީ 189 އަކަފޫޓެވެ. އެކި ޖަގަހަ ތަކުގެ ކުލީގެ އަގުވެސް ތަފާތެވެ. އެގޮތުން މަހު ކުއްޔަށް -/3000 ރުފިޔާ އަށާއި-/6000 ރުފިޔާއަށް ދޫކުރާ ޖަގަހަތަށްވެސް އެބަހުއްޓެވެ.

އޮއޭސިސް ކޮމްޕްލެކްސް އާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ނުވަތަ އޮއޭސިސް އިން ޖަގަހައެއް ކުއްޔަށް ހިފުމަށް ބޭނުންފުޅުވާނަމަ ގުޅުއްވާނީ 7748192 މި ނަމްބަރަށެވެ.