English Edition
Dhivehi Edition

އިންޑިޔާގެ ޓީވީ ޗެނަލްތަކުން ގެނެސްދެމުން އަންނަ ރިއަލިޓީ ޝޯވތަކުގެ ތެރެއިން ޙަޤީޤީ ދިރިއުޅުމުގެ ޖޯޑްތައް ބައިވެރިވާ އެއްމެ މަޝްހޫރު ޝޯވ ‘ނަޗްބަލިއޭ’ މެދުކެޑުމެއް ނެތި ދައްކަމުން އަންނަތާ 8 އަހަރުވެފައިވާއިރު  މިއަހަރު ދައްކާ މި ޝޯގެ 9 ވަނަ ސީޒަން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މިއަހަރުގެ ޝޯއަކީ ހުރިހާ ގޮތަކުންވެސް ތަފާތު މޮޅު ޝޯއަކަށް ވެގެންދާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު މިއަހަރުގެ ޝޯގައި ޖަޖުންގެ ގޮތުގައިވެސް ފެނިގެންދާނީ ހުނަރުވެރި ކުޅަދާނަ މަޝްހޫރު މޫނުތައް ކަން މިހާރުވަނީ ޔަގީންވެފައެެވެ.

މި ސީޒަންގެ ޝޯ ހުށަހަޅައިދިނުމުގައި ޖެނިފާ ވިންގެޓް އާއި އެކު ފެނިގެންދާނީ މަޝްހޫރު ކޮމެޑިއަން ސުނިލް ގްރޯވަރ އެވެ. މި އަހަރުގެ ޝޯގެ ޖަޖުންގެ ގޮތުގައި މަޝްހޫރު ފިލްމީ ތަރި ޝާހިދު ކަޕޫރް އާއި އޭނާގެ އަނބިމީހާ މީރާ ރާޖްޕުތް ފެނިގެންދާއިރު މި ޝޯގެ ޖަޖެއްގެ ގޮތުގައި ސަލްމާން ފެނިގެންދިއުމަކީ ޝޯއަށް ލިބޭނެ އިތުރު ފުރިހަަމަކަމެއްކަން ޔަގީނެވެ.

މިއަހަރުގެ ޝޯގައިވެސް މަޝްހޫރު އެތެއް ފަންނާނުންނަށް ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި ފާހަނގަކޮށްލެވޭ ހުނަރުވެރި ގިނަ ތަރިން އެބަތިއްބެވެ.

  • ޑްރަޝްތީ ދަމީ އާާއި ނީރަޖް ކެމްކާ – ކަލާސް ޓީވީ އިން ދައްކަމުން އަންނަ ”ސިލްސިލާ ބަދަލްތޭ ރިޝްތޯ ކާ“ އިން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ޑްރަޝްތީ ދަމީ ނަޗްބަލިއޭ އިން ފެނިގެންދާނީ އޭނާގެ ފިރިމީހާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ނީރަޖް އާއި އެކުގައެވެ. 
  • ސޯމީ ހާން އާއި ދީޕަކް ޓާކޫރް – ‘ބިގް ބޮސް12’ ގެ ސެޓުގައި އުފެދުނު ލޯތްބާއެކު ދީޕަކް ވަނީ އޭނާ ސޯމީ ހާންދެކެ ލޯބިވާކަން އެ ޝޯގެ ތެރޭގައި އިއުލާންކޮށްފައެވެ. އެ ދުވަހުން ފެށިގެން ބެލުންތެރިން އަންނަނީ މި ޖޯޑު އެކުގައި ޓީވީއިން ފެންނާނެ ދުވަހަކަށް އިންތިޒާރުކުރަމުންނެވެ.

  • ރުބީނާ ދިލަކް އާއި އަބީނަވް ޝުކްލާ  – ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި ދެތަރިން ކައިވެނިކޮށްފައިވަނީ މިދިޔަ 2018 ވަނަ އަހަރުގައެވެ.

  • އަނީތާ ހަސަން ދާނީ އާއި ރޯހިތް ރެޑީ – ‘ނާގިން3’ ގައި އަނީތާ ދެއްކި މޮޅު އެކްޓިންގެ ސަބަބުން އޭނާއަށް ގިނަ ބައެއްގެ ތައުރީފް އޮހެމުންދާއިރު މިއީ އޭނާގެ ފިރިމީހާ ރޯހިތް ޓީވީއިން ފެންނާނެ ފުރަތަމަ ފަހަރެވެ.

  • ރޯހަން މެހެރާ އާއި ކާޗީ ސިންގެ – ‘ޔޭ ރިޝްތަ ކިޔާ ކެހެލާތާހޭ’ އިން ގިނަ ބައެއްގެ މެދުގައި މަޝްހޫރުކަން ހޯދި މި ދެތަރިންނަށް އެ ޑްރާމާގައި ދެއްކި މޮޅު ހުނަރުގެ ސަަބަބުން ވަނީ  ގިނަ އެވޯޑުތަކެއް ވެސް ލިބިފައެވެ.

މި ތަރިންގެ އިތުރުންވެސް މި ޝޯގައި ހުނަރުވެރި ގިނަ ތަރިންތަކެއް ފެނިގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ. މި ޝޯ ފެށޭނެ ދުވަހަކަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނައިރު މިހާރުއްސުރެ މި ޝޯ ކާމިޔާބުކުރާނެ ޖޯޑަކާއި މެދު ވެސް އަންނަނީ ބަހުސްކުރެވެމުންނެވެ.