English Edition
Dhivehi Edition

ގދ. ތިނަދޫ ކޯޓުގެ ގާޒީ އިބްރާހިމް ރަޝީދު މެޖިސްޓްރޭޓް ކަމުގެ ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުން ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ނިންމައިފި އެވެ.

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ ޖޭއެސްސީން ބެލި ސުލޫކީ މައްސަލައަކަށް ފަހުގައެވެ. ދެހާސް ތޭރަ ވަނަ އަހަރު ގާޒީ އިބްރާހިމް ރަޝީދު އާންމު ތަނެއްގައި އަންހެނަކާ ޒުވާބުކޮށް ހަޑި ހުތުރުބަހުން ވާހަކަ ދެއްކުމުން މުހައްމަދު ލަތީފު ނަމަކަށް ކިޔާ އާންމު މީހަކު ހުށަހެޅި މި މައްސަލައިގައި އޭނާ ވަނީ އެ އަހަރުގެ މެއި މަހުގެ ތެރޭގައި ސަސްޕެންޑުކޮށްފަ އެވެ.

މި މައްސަލައިގައި އިއްޔެ ޖުޑިޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ އިބްރާހިމް ރަޝީދު ވަކިކުރަން ޖޭއެސްސީއިން ނިންމީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި އެއްގޮތަށް ކަމަށެވެ. ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން އިބްރާހީމް ރަޝީދު ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ. މިއީ ސުލޫކީ މައްސަލައަަކާ ގުޅިގެން ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ފޮނުވި ފުރަތަމަ ފަހަރެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބެލުމަކީ ޖޭއެސްސީގެ ޒިންމާއެއް ކަމަށް ވިޔަސް، ގާނޫނު އަސާސީ އޮންނަ ގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހަށެވެ.