ނުދަންނަ މީހަކު ދެކެ ލޯބި ނުވާށެވެ!
4 މަސް ކުރިން
ހަސަން ނަޖުމީ

އިރުއޮއްސޭ ދަޅާގައި ފޫހިވެގެން މިޖެހެނީ ވަށައިގެން އެނބުރި އެނބުރި ހުންނާށެވެ. އެއްފަހަރު އަތިރިމައްޗަށް އަނެއް ފަހަރު  ފުއްޓަރުފަރާތަށް ގޮސް އިރުއޮއްސޭ  މަންޒަރު ބަލަން ދެކޮޅަށް ހިނގަހިނގާ ހުންނާށެވެ.

ހިތަދުއަށް އައިފަހުން އުޅެން މިޖެހެނީ މިކަހަލަ ހާލެއްގައެވެ. އުޅެން ޖެހިފައިވަނީ ގޭގައި އެކަންޏެވެ. ދައްތައާ މަންމަ ވީ ތިނަދޫގައެވެ. އަހަންނަށް އެކަނި އުޅެވިދާނެޔޭ އެމީހުންގެ ހިތަށް އަރާތީއެވެ. އުމުރުން ބާވީސް އަހަރުވީމާ ކައްކާފައި ކާންހަދާދޭން މަންމަ ނެތަކަސް ވާނެ ނޫންހެއްޔޭ ދައްތަ ބުންޏެވެ. ބޮޑުދައިތަގެ ދަރިފުޅު ވިހައި ހަތް ދުވަސް ނުވަނީހެއް އެކަކުވެސް މިކޮޅަށް އަންނާކަށް ނޫޅޭނެއެވެ. އެހެން ނޫނަސް މާމަގެ ގެއިން އަހަންނަށް ހުރިހާ ފަހަރަކުވެސް ކާން ސައިބޯން ލިބެން ހުންނާނެއެވެ. އެއީ ޖެހިގެން ތިންގެ ދޫކޮށްފައި ހުންނަ ގެއެވެ. ހައްތާވެސް އުޅޭނީ ތިމާގެ ކުދީންނެވެ.

Advt

Advertisement

އަހަރެން މިހާތަނަށްވެސް އުޅުނީ މިކަހަލަ ގޮތަކަށެވެ.  އެމްބީއޭ ނިމެންދެން މާލޭގައި ހުންނަން ޖެހުނީމައެވެ. އެއީ ސްކޫލް ނިންމާފައި އަހަރެން ހެދި ފުރަތަމަ ކޯހެވެ.  އޭރު އަމިއްލައަށް އެކަނި އުޅެމުން ދިޔަޔަސް އެކަން ބޮޑެއް ނުވެއެވެ.

އެކަން ބޮޑުވީ މިހާރުއެވެ. މިރަށަށް އައިފަހުންނެވެ. ކިޔެވުން ނިމި ކުރާނެ ކަމެއް ނެތުނީމައެވެ. އެކަމަކުވެސް އިތުރަށް މާލޭގައި ހުރުމުގެ ބޭނުމެއް ނެތީތީ ރަށަށް އައީއެވެ.

ފޫހިކަން އެރޭ ވަކީން ބޮޑުވިއެވެ. އެކީގައި ބޭރަށް ގޮސްލާނެ އެކަކުވެސް ހުސްކޮށް ނެތެވެ.   ރަށުން ދިޔަފަހުން އެހާ ދުވަސްވެފައިވުމާއެކު ގައި ތިބި ގާތް ރައްޓެހީންނެއް މިހާރަކު އަތަކު ނުޖެހެއެވެ. އެމީހުންވަނީ އެމީހުން އަމިއްލަ ދުނިޔެއެއްގައި އެތަން މިތަނުގައެވެ. ހާލަކުން ފަހަރަކު ދިމާވާ މީހަކަސް ހާލު އަހާލުން،  ހާލު އޮޅުން ފިލުވައިދިނުން ނޫނީ ދައްކާނެ މާ ގިނަ ވާހަކަތަކެއް ނޯވެއެވެ. އެކުގައި އުޅެވިފައިވަނީ އުމުރުން ހައެއްކަ އަހަރު ވަންދެންނެވެ. މިއޮތްހާ ދުވަހު މާލޭގައި އުޅެން ޖެހިފައިވާތީ އޭގެ ފަހުން އެކުދީންނާ ވަނީ ގުޅުން ގެއްލިފައެވެ.

ތިން ދުވަހުގެ މެދުކެނޑުމަކަށްފަހު   އިންޓަނެޓް ޑޭޓާ ޕެކެޖް ލިބުނުކަންވީ ވަރަށްބޮޑު ހިތްހަމަޖެހުމަކަށެވެ. ދުވާލަކު މަދުވެގެން އެއްފަހަރު ފޭސްބުކަށް ނުވަދެވިއްޖެއްޔާ ގައިން އެއްބައި މަދުވެފައި ހުންނަހެންވެސް ހީކުރެވެއެވެ. އެއީ އަހަރެންގެ ތިބި މަދު ރައްޓެހީންނާ ބައްދަލުވާން އޮންނަ ހަމައެކަނި ގޮތެވެ. އޮންލައިންވާ ކޮންމެ ފަހަރަކު ރައްޓެއްސަކު އޮންލައިންގައި ނެތްކަމަކު ކޮންމެވެސް މެސެޖެއް އައިސްފަ ނޯންނަނީ މަދު ފަހަރަކުއެވެ. އެ މެސެޖްތަކަށް ޖަވާބު ދިނުމަކީ  ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މިކަންތަކުގައި އުޅެނިކޮށް ކުއްލިއަކަށް އަހަންނަށް ފްރެންޑް ރިކްއެސްޓެއް އައިތަން ފެނިއްޖެއެވެ.

ފުރެންޑް ރިކުއެސްޓް  އައުމަކީ އާކަމެއް ނޫނެވެ. އެހެންނަމަވެސް ކޮންމެ ކޮންމެ މީހަކު އަހަރެން އެޑެއް ނުކުރަމެވެ. އަމުދުން އެކިކަހަލަ ހެއްވާ ނަންނަމަކީ އަހަރެން މާރުހޭ ކަހަލަ ޕްރޮފައިލް ތަކެއް ނޫނެވެ. އެކަހަލަ ނަންތައް އަހަރެން ވަގުތުން ޑިލީޓްކޮށްލަނީއެވެ. އެކަމަކު އަހަރެންގެ ރައްޓެހީން އެމީހެއްގެ ރައްޓެހީންގެ ގޮތުގައި ތިބެފައި ފޮޓޯ ހުންނަ އަސްލެއްކަމަށް ފެންނަ މީހުން އެޑްކޮށްލަމެވެ. އަދި ރަނގަޅުގޮތުގައި ވާހަކަ ދެކެވޭނަމަ ފަހުން ރައްޓެހިކަންވެސް ބާއްވަމެވެ. އެކަމަކު ދެންމެ އައި ރިކްއެސްޓްގައި ހުރީ މަލަކާއި ކޮކާލެކެވެ. ރައްޓެއްސެއް ނެތެވެ. އެކަމަކު ނަން ވަރަށް އަޅައިގަތެވެ. ފްރިންސަސް ރިންޒީއެވެ.

ރިންޒީ އެއީ އަހަރެން އަބަދުވެސް އަޅައިގަންނަ ނަމެކެވެ. އެކަމަކު ޕްރިންސަސް ނަމެއްގެ ކުރިޔަށް އަތުވެއްޖެއްޔާ އެއީ އިންޒާރެކެވެ. ޚިޔާލީ ސޫރައެކެވެ. ހިތަށް ގެނުވާ ހުވަފެނީ ތަސައްވުރެކެވެ. އެހެންވެ މިކަހަލަ ރިކްއެސްޓްތައް އާންމުކޮށް އަހަރެން ޑިލީޓްކޮށްލަނީއެވެ. އެކަމަކު މިރޭ….

ފޫހި ކަމަކީ ހެޔޮ ހުރިހާ ވިސްނުމެއްގައި އަޅާ ކަތުރުފަންޏެކެވެ. އެހެންވެ އަހަރެން ހަމަ ވަގުތުން އެ ޕްރިންސަސް އެޑްކޮށްލައިފީމެވެ.

ޕްރިންސަސް ރިންޒީ އަކީވެސް ހަމަ މިއަތޮޅު ކުއްޖެކެވެ. ބަޔޯގައި ވަނީ ކޮޓް އައްޑޫއެވެ. ކޮޓް އައްޑޫ ކިޔާ ސަބަބެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު އެހެން ތަނަކުންވެސް އަހަންނަށް އޮތީ އެ ނަން ފެނިފައެވެ.

ފްރެންޑް އެކްސެޕްޓް ކޮށްލުމާއެކު ހަމަ ވަގުތުން މެސެޖެއް އަތުވެއްޖެއެވެ. މެސެންޖަރުން ވޭވް ކުރާ އަތެއްގެ އިމޯ އެއް އައުމާއެކު “ހައި ނިހާދް. ތޭންކްސް.”

އަހަރެންގެ ޕްރޮފައިލްގައި ހުންނާނީވެސް އަހަރެންގެ ނަމާއި އަސްލު ފޮޓޯއެވެ. ނަމުން މުޚާތަބު ކުރީމަ ހައިރާނެއް ނުވިއެވެ. އެކަމަކު އަހަންނާ ވާހަކަ ދެއްކުމަށް އޭނާގެ ފަރާތުން ޝައުގުވެރިކަން ފެނުނީމަ ހައިރާން ވިއެވެ.

“ހައި” އަހަރެންވެސް ބުނެލީމެވެ. “ރިންޒީ…. “

“އާނ. ޕްރިންސަސް އެއް ނޫން. އެކަމަކު ރިންޒީ.” ދެން ހީނލުމުގެ އިމޯއެއް އެކުލެވިފައިވެއެވެ.

“މިރޭ ކީއްކޮށްލާ ރެއެއް، އެކަނިވެރި ވެފަހެން ހީވަނީ.”

“ފޫހި ރެއެއް.” އޭނާވެސް ބުނެލިއެވެ. “އެކަމަކު ނިހާދު ފޫއްސެއް ނުވާނެތާ!” އޭނާ ކުރީ ސުވާލަކަށް ވުރެން ބޮޑަށް ޔަގީންކަމާއެކު އިއްވާލީ ބަޔާނެކެވެ.

“އަހަރެން އަދި ކިހާ ފޫއްސެއްވާނެ.” އަހަރެން ބުނެލީމެވެ. “މިރަށަށް އަހަރެން ވަރަށް އާ މިހާރު.”

“ތިކަންވެސް އެނގޭ. “ ހީނލުމުގެ އިމޯ އަކާއެކު. “އެކަމަކު ނިހާދު ކަހަލަ ސްމާޓް ހޭންޑްސަމް ޒުވާނަކު މިރަށުގައި ފޫހިވެފައި ހުންނާކަށް ނުޖެހޭނެ.” އޭނާ މިހެން ބުނީވެސް ހަމަ އެޔަގީންކަމާއެކުގައެވެ.

“ބޭރުން ބަލާފައި ހުންނަ ބައްޓަމަކުން އެއްކަމެއްވެސް ނޭނގޭނެ.” އަހަރެން ހަގީގަތް ހާމަ ކޮށް ދިނީމެވެ.

އެއީ އަހަންނާ ރިންޒީގެ އޮންލައިންގެ ރައްޓެހިކަން ފެށުނު ހިސާބެވެ. އޭގެފަހުން ހަމަ ކޮންމެ ރެޔަކުވެސް އަދި ކޮންމެ ދުވަހަކުވެސް އޭނާއަށް ވަގުތު ވާ ފަހަރަކު ނަމަ ހައި ޖަހާލައި ވާހަކަ ދެއްކުން ކުރިޔަށް ގެންދިޔައެވެ.

އަހަރެންނަށް އިސާހިތަކު ރިންޒީގެ މެސެޖްތަކަށް އިންތިޒާރުވެސް ކުރެވެން ފެށިއެވެ. ނުދަންނަ މީހަކު ދެކެ ލޯބިނުވާށޭ އަހަރެން ހިތް އަބަދުވެސް އަހަރެންގެ ގާތުގައި ބުނަމުން ދިޔައެވެ. އެއީ ރަނގަޅު ނަސޭހަތެއް ވެސް މެއެވެ. ފޫހިވެފައި ހުންނަ ވަގުތަކު މީހަކާ އޮންލައިނުން ނަމަވެސް ވާހަކަ ދައްކާލުމަކީ ފޫހިފިލާކަމެކެވެ. އެކަން އަހަންނަށް އެނގުނީ މިހާރުއެވެ. އެންމެ ރެއެއް ރިންޒީގެ މެސެޖެއް ނައިސް ލަސްވިޔަސް އަހަރެންގެ ހިތް ބޭގަރާރުވާން ފެށީ ހައިރާން ވާހާ ބޮޑަށެވެ.

އަހަންނަށް ރިންޒީއާ ބެހޭ މާގިނަ މައުލޫމާތެއް އޭނާގެ ޕޭޖަކުން ނުފެނެއެވެ. ފޮޓޯއެއް ހުރީ ރައްޓެހި ދެކުއްޖަކާ އެކު ތަންކޮޅެއް ދުރުން ނެގިފައެވެ. އޭގައި މޫނު ފެންނަން ހުރި ނަމަވެސް ރީތި މޫނެއްކަން ނޫން ކަމެއް އެނގޭކަށް ނެތެވެ. ކުރިމަތިން ފެނުނަސް އޭނާ ވަކިކުރާކަށް އަހަންނަކަށް ނޭނގޭނެއެވެ. އެކަމަކު އޭނާގެ ހަށިގަނޑެވެ. މިސާލު ޖެހޭނީ ޖަޕާނުގެ ގުޅިއަކާއެވެ. ރީތި ހިމަ ދިގު ގުޅިއަކާއެވެ. އޭނާގެ ދޮންދޮން ހަށިގަނޑުގެ އެރީތި ބައްޓަން ފުރިހަމަކޮށްދީފައިވަނީ އެތައް ގުނައަކަށެވެ.

އެހާވަރުން އަހަންނަށް އެނގެން ބޭނުން ވަރަށް އޭނާ އެނގުނެވެ. އެކަމަކު އަހަރެންގެ މައްސަލައަކަށް ވަނީ އެ ގުޅި ހަމަލޮލުން ދެކެލަން ބޭނުންވާން ފެށިކަމެވެ. ވަށައި އަނބުރައި ގާތުން ބަލައި ބީހިލާން ބޭނުންވާންފެށި ބޮޑުކަމެވެ.

އަހަރެން ނުސީދާކޮށް މިކަމަށް ހުށަހެޅީމެވެ. އެކަމަކު އޭނާ ހަދަނީ ސަމާސާއެކެވެ.

“މިވަގުތު އަހަރެމެން ދެމީހުންވެސް ބޭނުންވަނީ އެކަކު އަނެކަކާ ވާހަކަ ދައްކާލުން ނޫންތަ؟ ޚިޔާލުބަދަލުކޮށް ފޫހި ފިލުވާލުން ނޫންތަ؟” މިއީ އޭނާ ވިސްނައިދިން ގޮތެވެ.

މިއީ އަހަރެންވެސް ކަންތައް ކުރަންވީ ގޮތެވެ. އެކަމަކު ހިތް އެވަރުން ފުއްދައެއް ނުލިއެވެ. އޭނާ އުޅޭ ހިސާކަށް ދާން ބޭނުންވިއެވެ.

“އަހަރެން އުޅެނީ ހުޅުދޫގައި. “ އަހަރެން އަހާވަރުން އެންމެ ފަހުން އޭނާ ބުނެލިއެވެ. “އެވަރުން ނިހާދަށް ފުދެން ވާނެކަމަށް ހީކުރަން.”

އެވަރަކުން އެއްގޮތަކަށް ވެސް ނުފުދެއެވެ. ހިތް ބޭނުންވަނީ އެ ޕްރިންސަސް ވީތަނަކުން ހޯދާށެވެ. އަބަދު އޮންލައިން އިން ބައްދަލުވުމުގެ ބަދަލުގައި އިންލައިނުން ވެސް ބައްދަލު ކުރުމަށެވެ. އެގުޅީގެ ކިބައިގައި އެވާ ފުރިހަމަ ކަމާއި ލައްޒަތު ހަމަލޮލުން ދެކެ އަތުންހިފައި އިހްސާސް ކޮށްލުމަށެވެ. އަހަރެންގެ ގޭގެ ޒީނަތެއްގެ ގޮތުގައި އަބަދު އެ ޕްރިންސަސް ބައިންދާލުމަށެވެ.

ވޭނެއް ހިތުން ފިލުވޭނީ ވޭނަކާ ލައިގެންނެވެ. އަހަރެން ހިތުގައި މި އުފެދުނު ވޭން ފިލުވާލުމަށް އޭނާއަށް އަހަރެންގެ ހިތުގެ ހާލަތު ސާފުކޮށް ބުނެދޭން ގަސްތު ކުރީމެވެ.

“ޕްރިންސަސް. އަހަރެންނަށް ހީވަނީ މިހާރު އަހަރެންގެ ހިތުގެ ހާލަތު ހުރިގޮތް ރިންޒީގެ ގާތު ބުނަން ޖެހިއްޖެހެން.”

“ތިޔައީ އަހަރެންނަށްވެސް އެނގޭ ހާލަތެއް.” ނިހާދު ތިޔަ އުޅެނީ ފޫހި ފިލުވާނެ ގޮތެއް ހޯދާކަށްނޫންތަ؟

ރިންޒީ މިހެން ބުނީމާ އޭގެ ފުރިހަމަ މާނައެއް އަހަންނަކަށް ނުވިސްނުނެވެ.

“ ހަޔާތުގެ ބައިވެރިޔަކަށް މީހަކު ގެންނަނީ ހަމަ އެކަނި ފޫހި ފިލުވުމުގެ ބޭނުމެއްގައެއް ނޫން.” އަހަންނަށް މާނަ ކުރެވުނު ގޮތުގެ ޖަވާބު ދިނީމެވެ.

“އެހެންވީ އިރު ކީއްވެ ނުހޯދާ ލަސްކުރަނީ؟” އޭނާގެ ޖަވާބު ކުރެވެ.

“މިހާރު ހީވަނީ އޭނާ ފެނިއްޖެހެން.” އަހަރެން އުންމީދާ އެކު ބުނެލީމެވެ. “އެމީހަކީ..”

“ކޮންގްރެޓްސް.” މިހެން އޭނާ ބުނުމުން އަހަރެން ހައިރާންވިއެވެ. އެއާއެކު އޭނާ އޮފްލައިން ވެއްޖެއެވެ.
“އެއީ ޕްރިންސަސް.. ރިންޒީ!”

އެއީ އެޗެޓް ނިމުނު ހިސާބެވެ. އިތުރު ސުވާލެއްވެސް ޖަވާބެއް ވެސް ނައެވެ. އަހަރެން ހީކުރީ އެހާހިސާބުން އޭނާ ބިޒީވީކަމަށެވެ. އެހެންވެ މި ޗެޓް ކުރިޔަށް ގެންދަން ދެން ލިބޭ އެހެން ފުރުސަތަކަށް އިންތިޒާރު ކުރަމުން އަހަރެންވެސް މިވަގުތު މެދުކަނޑާލީމެވެ.

މުޅި ދުވަހު ހުވަފެނީ ދުނިޔެއެއްގައި އަހަރެން އުޅުނީމެވެ. ޕްރިންސަސް ދޭނެ ޖަވާބަކަށް އިންތިޒާރު ކުރުމުގައެވެ. ހިތަށް ކެތް ނުކުރެވޭނީ އޭނާ ނޫނެކޭ ބުނާ އަޑުއަހާށެވެ. އުފާވަނީ އޭނާ އާނއެކޭ ބުނެފާނެ ކަމުގެ ޔަގީންކަން އޮތްވަރުންނެވެ.

މި ދިޔަ ދުވަސްތަކުގައި ދެކެވިފައިވަނީ ނުހަނު ފޮނި އަދި އަސަރު ކުރުވަނިވި ވާހަކަ ތަކެވެ. އަހަރެން މިހާލަތަށް ވެއްޓުނީ ހަމަ ގައިމުވެސް އެވާހަކަތަކުގައި އެކުލެވިފައިވާ ޖާދޫއަކުންނެވެ. މިއީ ދުވަހަކުވެސް އަހަރެންނަށް ކުރެވުނު އިހްސާސްތަކެއް ނޫނެވެ. އަންހެން ކުއްޖަކަށްޓަކައި މިހާވަރުގެ އުންމީދެއް އަހަންނަށް ކުރެވިފައެއް ނެތެވެ.

ރިންޒީގެ ޚަބަރެއް އޭގެ ފަހަކުން ނުވިއެވެ. ގުޅޭނެ ގޮތެއް ނެތެވެ. ރަނގަޅަށް ބަލާލިއިރު އޭނާވަނީ އަހަރެން ބްލޮކްވެސް ކޮށްލާފައެވެ.

ކެތްތެރިކަން މިހާބޮޑަށް ގެއްލިދާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ. ނުފެންނަ މީހަކަށްޓަކައި މިހާބޮޑު ވޭނެއް އަޅާފާނެ ކަމަކަށް އަހަރެން ދުވަހަކުވެސްހިތަކަށް ނާރައެވެ. ހަށިގަނޑުގައި އަޅާ ކިތަންމެ ގަދަ ވޭނަކަށް ކެތްކުރެވިދާނެޔޭ މީހުން ބުނެއެވެ. އެކަމަކު ހިތުގައި އަޅާ ވޭނަކަށް ކެތެއް ނުކުރެވޭނެއެވެ.  މިއީ ތެދެއްކަން އަހަންނަށް އެނުގނީ މިހާރުއެވެ.

ހިތުވޭން މިހާބޮޑުވުމުން އަހަރެން ގޮތް ހުސްވިއެވެ. އަހަރެން އިނީ ބެލްކަނީގެ މަތީގައެވެ. ކުރީގައި އަހަރެން ސިގިރޭޓެއް ކަހަލަ އެއްޗެއް ނުބޮމެވެ. މިއަދު އަހަރެންގެ އަތުގައި ރޯކޮށްފައި މިއޮތީ އަހަރެން ދުވަހަކުވެސް ބޭނުންކޮށްފާނެ ކަމަށް ހީކޮށްފައި ނުވާ ވިހަގަދަ ސިގިރޭޓެވެ. ޚިޔާލެއްނެތި ވެއްޓިދާނެ ކަމުގެ ބިރެއް ނެތިއެވެ އަހަރެން އެ ބެލްކަނި މަތީގައި ބޭރަށް ދެފައި ބާލައިގެން އިނީމެވެ. އަމިއްލަ ނަފްސުގެ އަގެއް ނެތް ކަމުގެ އިހްސާސް މިވަރަށް ކުރެވިއްޖެއްޔާ ދިރިހުންނާކަށް ބޭނުމެއް ނުވެއެވެ. އެއީ މީގެ ކުރީގައި އަހަންނަށް އެނގިފައި ނުވާ ކަމެކެވެ. ހިތުގެ ވޭނުން ސަލާމަށް ވާން  މީހާގެ ނަފުސު ނުރައްކަލަށް ވައްޓާލަނީ މިއަޅާ ވޭނެއްގެ ދިލަގަދަ ކަމުންކަން މިއަދު އަހަންނަށް ވިސްނުނެވެ. މިއަކުން އަހަރެން ވަކި އިސްތިސްނާ ވެދާނެހެއްޔެވެ؟ އަހަރެންގެ ބޮލަށް އެނބުރުން އަރަން ފަށައިފިއެވެ.

އެވަގުތު އަހަރެންގެ ފުރަގަހުން މީހަކު އައިސް ހިފަހައްޓާނުލި ނަމަ އަހަރެން ވެއްޓުނީހެވެ.

އޭނާ އަހަރެން އެތަނުން ބާލައިގެން ތިރީ ބަޔަށް ގެނައެވެ. އަދި ސޯފާގައި އަހަރެން އޮށޯވެ ބޭއްވުމަށް އެހީތެރިވިއެވެ.

އެދުވަހުގެ ބާކީ ބަޔާއި އެރޭގެ ބޮޑު ބައެއް އޭނާ އަހަންނަށް އެހީވުމުގައި ހޭދަ ކުރިއެވެ. ސިގިރޭޓް ފޮއްޓާ ލައިޓަރު ފޮރުވިތަނެއްގައި ފޮރުވައިފިއެވެ.

އެއީ ޝުވިޒާއެވެ. މިގެޔާ ޖެހިގެން ހުރި ގޭގައި އުޅޭ ނަރސަރީ ސްކޫލްގެ ޓީޗަރެކެވެ. ނުހަނު ހިތްހެޔޮ އެހީތެރި ކުއްޖެކެވެ. ހަމްދަރްދީ ވުމުގެ އިންތިހާއެވެ.

އޭނާއަކީ ސައިކޮލޮޖިސްޓެއް ކަމުން އަހަރެން ބެލްކަނީ މަތީގައި ވަގުތު ހަރަކާތް ހުރިގޮތުން އަހަރެންގެ ހާލު އޭނާއަށް ދެނެގަނެވުނީއެވެ. އެހެންވެ އަހަންނަށް ކުޑަވެސް ލިސާނެއް ނުވާނެ ފަދައިން ގޭތެރޭންލާފައި މައްޗަށް އެރީއެވެ. އަހަރެން ނިދުމުގެ ކުރީގައި ތަޅެއް ނުލަމެވެ.

އެރޭ އަހަންނަށް އޭނާ ކާން ތައްޔާރު ކޮށްދިނެވެ. ނިދަން ކޮޓަރިއަށް ދިއުމުގެ ކިރުތަށްޓެއް ދިނެވެ. ހެނދުނު އަންނާނަމޭ ބުނެފައި ދިޔައީއެވެ.

ހެނދުނު އޭނާ އައުމުން އެހުރިހާ ވާހަކައެއް އޭނައަށް ކިޔާދިނީމެވެ.

“ތިޔަވާނީ  ފޭކު ޕްރޮފައިލަކަށް. އަހަރެން ތިޔަކަންތައް ބަލާދީފާނަން.” އެކުއްޖާ ނުހަނު ހަމްދަރްދީއާ އެހީތެރިކަމާއެކު އަހަންނަށް ހިތްވަރު ދިނެވެ.

ޖެހިގެން އައި ފުރަތަމަ ހޮނިހިރު ދުވަހު އޭނަޔާ އަހަރެން ފެރީގައި ހުޅުދުއަށް ދިޔައިމެވެ. އޭނާ ގޮސް ވަނީ ސީދާ “ރިންޒީގެ” ގެޔަށެވެ. އަހަރެން ހުރީ ފެންނަ ހިސާބު ދުރުގައެވެ. އެވަގުތުކޮށު  ހީވަނީ އަހަރެންގެ ހިތް މޭގެތެރޭގައި އޮންނަން ބޭނުން ނެތިގެން ފުންމާލަން އުޅޭހެންނެވެ. އެތައް ގަޑިއިރުހެން ހީވި ނަމަވެސް ކުޑަ އިރުކޮޅަކުން އޭނާ ނިކުމެއްޖެއެވެ. އެއީ ހަމަ ރިންޒީއެވެ. ހަމަ އެ ޖަޕާނު ގުޅިއެވެ. ފޮޓޯއިން ފެނުނުވަރަށް ވުރެންވެސް ރީއްޗެވެ. އަހަރެން އަވަހަށް ގޮސް “ކީއްވެތަ ގުޅުން ކަނޑާލީ، “ މިހެން އަހާލަން ހިތަށް އެރިއެވެ. އެކަމަކު އަހަރެންނަށް މިއަދު މަގު ދައްކައިދޭ ގައިޑްގެ އިޝާރަތެއް ނެތި އެކަމެއް އަހަންނަކަށް ނުކުރެވޭނެއެވެ.

އަހަރެންގެ ގައިޑް ރިންޒީއާ ގުޅައިގެން އެހާފަސޭހައިން   ބައްދަލު ކުރާނެ ފުރުސަތު ހޯދި ގޮތެއް ވެސް ނޭނގުނެވެ.

“އެއީ ނަޒްރާ.” ޝުވިޒާ ބުނެދިނެވެ. “އޭނާގެ އެކްސް އަނބުރާ އައިސް ދެމީހުން މިހާރު އެވަނީ މެރީ ކުރަން ހަމަ ޖެހިފަ. ދެން އެކަންތައް ހިތުން ފިލުވާލާ.”

ޝުވިޒާ  އޭނާގެ ހަނދާން އަހަރެންގެ ހިތުން ފިލުވާލަން ހިތްވަރު ދިނެވެ. އަހަރެންގެ ހުރިހާ ކަމެއްގައިވެސް އެހީތެރިވިއެވެ. އަހަރެންގެ ހަޔާތުގައި ނިވެމުން ދިޔަ ހުޅުކޮޅު އަލުން ދިއްލާލަ ދިނެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އަހަރެން ވަރަށް ވިސްނުމަށް ފަހު   މާ ފިހާރައަކަށް ގޮސް އެތާހުރި އެންމެ ރީތި މާބޮޑި ގަނެލައިފީމެވެ. އަދި ހަވީރު ޝުވިޒާ ސްކޫލުގައި ކިޔަވައިދޭ ގަޑި ނިންމާލާފައި ނުކުންނަ ވަގުތަކަށް އިންތިޒާރުގައި ހުރީމެވެ. އޭނާ ނުކުތުމުން އަހަރެން ކުއްޖެއްގެ އަތަށް ކުޑަ ނޯޓެއް ދީފައި އޭނައަށް އެމާބޮޑިއާ އެކު ފޮނުވައިފީމެވެ. އޭގައި އަހަރެން ލިއުނީމެވެ. “އަހަރެންގެ ހަޔާތުގެ ބައްތި ދިއްލި ގޮތަށް ނިއްވާލިޔަ ނުދީ ބެހެއްޓޭނީ ޝުވިޒާއަށް.”

އަހަރެން  ހުރީ ޝުވިޒާ ދުވެފައި އައިސް އަހަންނާ ހަގް ކޮށްލާ ވަގުތު އެހެން މީހުންނަށް ނުފެންނާނެ ފަދަ ނިވާ ތަނެއްގައެވެ.

އެކުއްޖާ އެ މާބޮޑި ޝުވިޒާ އަތަށް ދިންތަނާއި އޭނާގެ މޫނަށް އައި ސުވާލުގެ ކުލަތައް އަހަންނަށް ރީއްޗަށް ފެނުނެވެ. އޭނާ އެ ނޯޓް ކިޔާލިއެވެ. އެކުއްޖާ އަހަރެން ހުރި ދިމާ އަތުގެ އިޝާރާތުން ދައްކާލުމުން އޭނާ އަހަންނަށް ބަލާލިއެވެ.

އަހަރެން އަނެއް ފަރާތަށް އެނބުރިލީމެވެ. އޭނާ އައިސް އަހަރެންގެ ފުރަގަހުން އޮޅުލައިގަންނަން ތަން ދިނުމަށެވެ.

އަހަރެންގެ ފުރަގަހުން މީހަކު ކޮއްޓާލުމުން އެނބުރި ބަލާލީމެވެ. އޭރު އެތާ ހުރީ އަހަރެން ޝުވިޒާ ގާތަށް ފޮނުވި ކުއްޖާއެވެ. އޭނާގެ އަތުގައި އަހަރެން ފޮނުވި ނޯޓް އޮތެވެ. އޭގެ ތިރީގައި ލިޔެފައި އޮތެވެ.

“ނުދަންނަ މީހަކު ދެކެ ލޯބި ނުވާށެވެ.”

އަހަރެން ބަލާލިއިރު ޝުވިޒާ ކުރިޔަށް ގޮސް އޮބާލަނީއެވެ.

ނިމުނީ