English Edition
Dhivehi Edition

ހައްޖަށް ދިޔުމަށް ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު 80 ޕަސަންޓަށް ބޮޑު ކުރުމަށް ޕެންޝަނާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައި ވަނީ އެ ގާނޫނުގެ 38 ވަނަ މާއްދާ އިސްލާހުކޮށް ހައްޖުވާން ފައިސާ ދޫކުރާ މިންވަރުގެ 80 ޕަސަންޓަށް އިތުރު ކުރުމަށެވެ.

އެ ބިލަށް މިއަދު ކުރި ބަހުސްގައި ގިނަ މެމްބަރުން ވަނީ ހައްޖުވުމަށް ފައިސާ ދޫކުރެވޭ މިންވަރު އިތުރުކުރަން ތާއީދުކުރާކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އެ އަދަދު 100 ޕަސަންޓަށް އިތުރުކުރަންޖެހޭކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.

އެގޮތުން، އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން ވީހާވެސް ގިނަ އަދަދަކަށް ފައިސާ ދޫކުރަންޖެހޭ ކަމަށާއި، ހައްޖަށް ދިއުން ފަދަ ކަންތައްތަކުގައި ރައްޔިތުންނަށް ވީހާވެސް ލުއި ގޮތަކަށް ނިޒާމް ބަދަލުކުރުމަކީ މަޖީލީހުން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

އެ އިސްލާހު ފާސް ކޮށްފައިވަނީ މިއަދު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާގުންނެވެ. ވޯޓު ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، މެންބަރުން ވޯޓު ދެއްވާފައިވަނީ ކޮޅަށްތެދުވެވަޑައިގެން ނެގި ރޯލްކޯލް ވޯޓަކުންނެވެ.

ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރު ތެރޭގައި ވަނީ އެ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ގައި ފާސް ކޮށްފައިވާ ގޮތުން ނަމަ ޕެންޝަން ފަންޑުން ދޫކުރާނީ އެ އަހަރަކު ހައްޖަށް ދިއުމުގެ އަގު ކަމުގައި ސަރުކާރުން ކަނޑައަޅާ އަގުގެ 50 ޕަސަންޓަށްވާ ފައިސާއެވެ. މިހާރު ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރަމުންދާ ފަރާތްތަކުގެ ތެރެއިން، އެ އަދަދަށް ފައިސާ ޖަމާވެފައިވަނީ އެންމެ 6،000 އެއްހާ މީހުންކަމަށްވެސް ޕެންޝަން އޮފީހުން ވަނީ ހާމަކޮށްފަ އެވެ.