English Edition
Dhivehi Edition

ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން، އައްޑޫ ސިޓީ ހިތަދޫ ސްކޫލްގައި ކުރިއަށްގެންދިޔަ “ކޭމްޕް ފުރާވަރު” ގެ 72ވަނަ ކޭމްޕް ނިންމާލައިފިއެވެ.

މި ކޭމްޕް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުތު ޕޮލިސް ޑިވިޜަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ރަޝްވާނެވެ.

މި ކޭމްޕަކީ ސްކޫލް ދަރިވަރުންގެ އަޚްލާގާއި ސުލޫކު ހެޔޮގޮތުގައި ބައްޓަން ކުރުމާއި އެކު ކުށްމަދު މުޖްތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާނަވީ މަރުހަލާގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގި ކޭމްޕެކެވެ.

ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޭމްގައި  ހިތަދޫ ސްކޫލްގެ ގްރޭޑް 8ން ގްރޭޑް 10އަށް ތަޢުލީމް ހާސިލްކުރަމުންދާ  73 ދަރިވަރުންވަނީ ބައިވެރިވެ ސެޓުފިކެޓު ހާސިލްކޮށްފައެވެ.

މި ކޭމްޕްގައި ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.މި ގޮތުން ކުށުގެ ނުރައްކަލުން ދުރުހެލިވެ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުން ބައްޓަންކުރަންވީ ގޮތާއި ޤައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް ބައިވެރިންނަށް އޮޅުންފިލުވައިދީފައިވެއެވެ.

މީގެ އިތުރުން އިންޓަރނެޓުގެ ޒަރީއާއިން ކުރިމަތިވާ ކުށްތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތްތައް ބުނެދީފައިވެއެވެ. އަދި  އިސްލާމީ މުޖުތަމަޢެއްގައި ހަރުދަނާ ރަށްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި މަދަރުސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މަޢުލޫމާތުދީ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.

މީގެ އިތުރުން ސްކޫލާއި ގޭތެރޭގެ މާޙައުލާއި އަދި މުޖުތަމައުގެ ތެރެއިން ދަރިވަރުންނަށް ދިމާވާ ކަންކަން ހައްލުކުރުމަށް ކައުންސިލިން ބޭނުންވާ ދަރިވަރުންނަށް ކައުންސިލިންވެސް ދީފައިވެެެއެވެ.