English Edition
Dhivehi Edition

ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާނާއި މިހާރުގެ ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ހުށަހަޅައިފި އެވެ.

މިއަދު ބްރޯޑްކޮމްގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކޮށް، އެ މެމްބަރުންގެ ހާޒިރުގައި އެކަން ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގުއެވެ.

ބްރޯޑްކޮމް މިއަދު ޒައިނާ ހާޒިރުކޮށް ސުވާލުކޮށްފައިވަނީ، ރައީސް ޔާމީންގެ ސަރުކާރުގައި ބޭއްވި ކެމްޕޭން ޖަލްސާއެއް ޒައިނާ ހުށަހެޅުއްވި މައްސަލައާ ގުޅޭގޮތުންނެވެ. މި ސުވާލަށް ޖަވާބުދެމުން ޒައިނާ ވިދާޅުވެފައި ވަނީ އެ ޖަލްސާއަކީ އިސް ރަށްވެހިންނަށް ބޭއްވި ޖަލްސާއެއް ކަމަށާއި އެއީ ސިޔާސީ ޖަލްސާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ސޮފްވާން އާއި ގުޅޭ ގޮތުން އެކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވީ ސޮފްވާން އޮފީހަށް ވަޑައިނުގަންނަވާތާ އަށެއްކަ މަސް ވެއްޖެ ކަމަށާއި އޭނާ އުޅޭތަނެއް މިހާރު އެކޮމިޝަނަށް ނޭނގޭކަމަށެވެ. އަދި ވަޒީފާއަށް ނުނިކުމެ ސޮފްވާން މުސާރަނަގާ މައްސަލަ ފެންމަތިވެފައިވާއިރު މިއަދުގެ ކޮމަޓީއަށްވެސް ހާޒިރުވެފައެއް ނުވެއެވެ.

ޒައިނާ ބްރޯޑްކޮމްގެ ނައިބު ރައީސް ކަމަށް އައްޔަން ކުރީ، މި މަހުގެ 17 ވަނަ ދުވަހު އެވެ.