އެކްސިޑެންޓްގައި އަނިޔާވި ހަސަންދީދީ އިތުރު ފަރުވާއަށް މާލެ ފޮނުވައިފި
4 މަސް ކުރިން
ލުބްނާ މަޖީދް މުޚުތާރް

މީދޫގައި އިއްޔެ ދެސައިކަލްޖެހި ހިނގި އެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއް ލިބުނު، ސ.މީދޫ ޝަބްނަމީވިލާ ހަސަންދީދީ  އިތުރު ފަރުވާއަށް މިއަދު ހަވީރު މާލެ ފޮނުވައިފިއެވެ.

ހަސަންދީދީ އަށް މިވަގުތު ފަރުވާދެމުންދަނީ މާލޭ އައިޖީއެމް އެޗް ގައެވެ.

Advt

Advertisement

އެކްސިޑެންޓްގައި އަނިޔާވި ހަސަންގެ އާއިލާ މީހަކު “އޭއޯނިއުސް” އަށް މައުލޫމާތު ދެމުން ބުނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ނެގި އެކްސްރޭއިން ދައްކާގޮތުގައި  ހަސަންގެ ކޮނޑު ހުޅުވަނީ ބިންދައިގެން ގޮސްފައެވެ. އަދި އެކްސިޑެންޓްގައި ވިއްސައިގެން ގޮސް ބިންމަތީގައި ބޯޖެހި ބޯފަޅައިގެން ދިޔުމުގެ އިތުރުން ވަރަށް ބޮޑަށް ބޯ ދުޅަވެފައި ވަތީ މާލެފޮނުވާލީ ބޮލުގެ އިތުރު ޓެސްޓްތައް ހެދުމަށް ކަމަށްވެސް އޭނަބުންޏެވެ.

“މިހާރު ބައްޕަގެ  ބޮލުގެ ސީޓީ ސްކޭން ހައްދަން ސްކޭން ރޫމަށް  ވައްދާފައިވީ. ސީޓީ ސްކޭނުން މާބޮޑު ނަތީޖާއެއް ނުފެންނަންޏާ އެމްއާރު އައިވެސް ހަދާނެކަމަށް ޑޮކްޓަރު ބުނި. އެއަށްފަހު ކޮނޑު ކަށިގަނޑު ގެ އޮޕްރޭޝަން ކުރާނެ” އަނިޔާވި މީހާގެ ކުއްޖަކު ދާދި ދެންމެޔަކު އޭއޯނިއުސް އަށް މައުލޫމާތު ދެމުން ބުންޏެވެ.

ރެސިޑެންސް ކަންމަތިން  ހިނގި މި އެކްސިޑެންޓްގައި އެއް ސައިކަލް ދުއްވަން އިނީ  18 އަހަރުގެ ފިރިހެން ކުއްޖެކެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެކުއްޖާއަކީ ސައިކަލްދުއްވުމުގެ ލައިސަން ނެތްކުއްޖެކެވެ.

މިއެކްސިޑެޓްގައި އަނިޔާ ލިބުނު ފިރިހެންކުއްޖާއަށް ސިއްހީމަރުކަޒުން ފަރުވާދިނުމަށްފަހުވަނީ ދޫކޮށްލާފައެވެ.