English Edition
Dhivehi Edition

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދޭ 800 މިލިއަން ޑޮލަރުގެ ކްރެޑިޓު ލައިނުގެ ދަށުން 200 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އައްޑޫގެ މަގު ހެދުމުގެ މަޝްރޫއަށް ޚާއްސަ ކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ ކަންކަން ބައިނަލްއަގްވާމީ ފަރާތްތަކަށް އަންގައި ދިނުމަށް ބޭއްވި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ނިމުމާ ގުޅިގެން ކުރުނބާ މޯލްޑިވްސް ގައި އޮތް ނިއުސް ބްރީފިން ގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ، އައްޑު އަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާއިރު އިތުރު މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

އައްޑޫގެ މަގުތައް ހެދުމަށް 200 މިލިއަން ޑޮލަރު ހޭދަކުރާ އިރު އެ ސިޓީގެ ތަރައްގީ އަށް ގާތްގަނޑަކަށް 414 މިލިއަން ޑޮލަރު (6.3 ބިލިއަން ރުފިޔާ) ޚަރަދު ކުރާނެ ކަމަށް މި ސަރުކާރުން ވަނީ އިއުލާން ކޮށްފަ އެވެ.

ރާއްޖޭގެ އާބާދީގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީގެ ތަރައްގީ އަށް ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ކޮމާޝަލް އަދި އިންޑަސްޓްރިއަލް ބޭނުމަށް އިތުރު ސަރަހައްދެއް ހިއްކުމާއި ޓޫރިޒަމްގެ މަޝްރޫއުތަކަށް އައްޑޫގެ ހަތަރު ފަޅެއް (25 ހެކްޓަރު) ބިން ހިއްކުމާއި ރަނގަޅު ފެންވަރަށް މަގުތައް ހެދުމާއި ހިތަދޫ ރީޖަނަލް ޕޯޓުގެ ޖާގަ އިތުރު ކުރުން ހިމެނެ އެވެ.