English Edition
Dhivehi Edition

ޕެންޝަން ފައިސައިން ހައްޖަށް ދިއުމަށް އެ ފައިސާ ދޫކުރުމާއި ގުޅޭގޮތުން ޕެންޝަން އޮފީހާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

މިއަދު ސޮއި ކުރެވިގެންދިޔަ މި އެއްބަސްވުމުގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ހުސައިން މަނިކެވެ. އަދި ހައްޖު ކޯޕަރޭޝަނުން ސޮއި ކުރީ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ހަމީދެވެ.

މި އެއްބަސްވުމުގެ ދަށުން، ރިޓަޔާމަންޓް ޕެންޝަން ސްކީމުގެ ބައިވެރިން ހައްޖެއްވުމަށް ޕެންޝަން ފައިސާ ދޫކޮށްދޭން އެދި ފޯމް ލާން ޖެހޭނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި ޝަރުތު ހަމަވާ މީހުންގެ ފައިސާ، ޕެންޝަން އޮފީހުން ދޫކުރާނީ ޙައްޖު ކޯޕަރޭޝަނެވެ.

ހައްޖަށް ދައްކަން ޖެހޭ އަގުގެ 50 ޕަސެންޓު ދައްކާފައިވާ މީހަކު ޖާގަ ރިޒާވް ކުރަން އެ މީހެއްގެ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓު ބޭނުން ކުރުމުގެ ފުރުސަތު މި އެއްބަސްވުމާއެކު ވަނީ ހުޅުވިފަ އެވެ.

ޕެންޝަން ސްކީމުން ބޭނުން ކުރެވެން ހުރި ފައިސާގެ އަދަދު އެ މީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ސްޓޭޓްމަންޓާއި ޕެންޝަން އޮފީހުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބެލޭނެ އެވެ. އަދި ޕެންޝަން ސްކީމުން ފައިސާ ދޫކުރާނީ ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ ފަރާތްތަކުގެ ތެރެއިން ރިޓަޔާމަންޓް ސޭވިން އެކައުންޓުގައި މަދުވެގެން 336,000 ރުފިޔާ ޖަމާވެފައިވާ މީހުނަށެވެ.