English Edition
Dhivehi Edition

މިއަދު ހެނދުނު އައި.ޖީ.އެމް.އެޗްގެ ބޭސްމަންޓްގައި ހިނގި އަލިފާނުގެ ޙާދިސާގައި އެހޮސްޕިޓަލުން އެވަގުތު ފަރުވާ ހޯދަމުން ދިޔަ އެއްވެސް ބަލިމީހަކަށްވެސް އަދި މުވައްޒަފަކަށްވެސް އެއްވެސް އަނިޔާއެއް ވެފައިނުވާކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއްޖެއެވެ.

އެ ހޮސްޕިޓަލުން ވިދާޅުވީ މި ޙާދިސާގައި ހޮސްޕިޓަލަށް ލިބުނު ގެއްލުމުގެ ތަފްސީލް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި، ހޮސްޕިޓަލުން ދެމުންދާ ޚިދުމަތް މެދުނުކެނޑި މިހާރުވެސް ދެމުންދާގޮތަށް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާކަމަށްވެސް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ.

އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން ސީޓީ ސްކޭންގެ ޚިދުމަތް ދިނުމަށް ދިމާވި މައްސަލަ ހައްލުވަންދެން އެމަރޖެންސީކޮށް ހަދަންޖެހޭ ސީޓީ ސްކޭންތައް ޓްރީޓޮޕް ހޮސްޕިޓަލުން ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އެގޮތުން އެމަރޖެންސީކޮށް ހަދަންޖެހޭ ސީޓީ ސްކޭންތައް ހެދުމަށް ޓްރީޓޮޕް ހޮސްޕިޓަލަށް ފޮނުވާ ބަލިމީހުންގެ އެއްމެހައި ކަންކަން ހަމަޖެއްސުމަށް، އާސަންދައާއެކު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާކަމަށްވެސް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ.