English Edition
Dhivehi Edition

ތުއްތުކުދިން ހެއްވާލުމަށް ނޫނީ އެކުދިންނާ ސަކަރާތްޖަހާލާ މަޖާކޮށްލުމަށް އާންމުގޮތެއްގައި ބޮޑެތިމީހުން އެކުދިންގެ ގިލިގިލިކޮށްޓާހަދައެވެ. މިގޮތަށް ހެދުމުން ކުދިން ހީ ހެދިޔަސް އެއީ ކިހައި ވަރެއްގެ ކަމެއްކަން ދަނެގަތުމަކީ ވަރަށް މުހިންމުކަމެކެވެ. އެހެންކަމުން މިކަމަކީ ކުޑަދަރިފުޅަށް ނުރައްކާތެރިކަމެއްތޯ ބެލުން ވެސް ވަރަށް މުހިންމެވެ.

އެއްވެސް އާރެއް ބާރެއްނެތް ތުއްތުކުއްޖަކު ހެއްވާލުމަށް ގިލިގިލި ކޮށްޓާލާއިރު، މިކަމަކީ އެކުއްޖާ ގަޔާވާކަމެއްތޯ ނޫނީ ނޫންކަން ނޭނގޭނެއެވެ. އެގޮތަށް ހެއްވާލާއިރު ތުއްތުކުއްޖާ ހުނުމުން ނޭވާޔަށް އުނދަގޫވާވަރަށް ހެއްވާލާ މީހުންވެސް އުޅެއެވެ. އެހެން ނަމަވެސް މިއީ ވާ އުނދަގޫތައް ބުންނަންނޭނގޭ ވަރުކުދިންނާ ކޮށްލަންވާވަރުގެ ސަމާސައެއްނޫނެވެ. އަދި ގިލިގިލިކޮށްޓުމުން ކުއްޖާ ހޭންފެށުމާއެކު ކިނބިއްސެއް އަޅާލައިފި ނަމަ ވަގުތުން އެކަން ހުއްޓާލަންޖެހޭނެއެވެ. އެކަމުން އަނގައިދެނީ ގިލިގިލިކޮށްޓުމަކީ ތުއްތުކުއްޖާ އެހައި ގަޔާވާކަމެއްނޫންކަން މިކަމާއިބެހޭގޮތުން ދިރާސާކުރި ފަރާތްތަކުން ބުނެފައި ވެއެވެ.

ބޮޑެތިމީހުންނަށް އެކަކު އަނެކަކަށް ސަމާސަކުރުމުގެ ނިޔަތުގައި ކުރާކަންކަން އަމިއްލަބާރުން ކޮންޓްރޯލް ކުރެވެއެވެ. އެހެން ނަމަވެސް ވާހަކަ ނުދެއްކޭ އަދި ބާރެއްނެތް ތުއްތުކުދިންނާ ލޯބިން ސަމާސާކޮށްލުމަށް އެކުދިންގެ ހަށިގަނޑަށް ކެތްނުކުރެވޭވަރުގެ އެއްވެސް ކަމެއްކުރުމަކީ އެކުދިންނަށް ދެވޭ އަނިޔާއެކެވެ. މިދިރާސާކުރި ފަރާތް ތަކުން ބުނާގޮތުގައި ވާހަކަދެއްކޭ ކަންކަން އެނގޭވަރުގެ ކުދިންނާ ސަމާސާކޮށް ލުމުގެ ގޮތުން ގިލިގިލި ކޮށްޓާލުމުން އެކުދިން ގަޔާވާކަމެއް ނަމަ ބުނާނެކަމަށެވެ. އަދި ނުރުހޭކަމެއް ނަމަވެސް ބުނާނެކަމަށެވެ. އެހެން ވީމާ ސަމާސަ ކުރުމުގެ ނިޔަތުގައި ގިލިގިލި ކޮށްޓާލަން އެންމެ ރަނގަޅީ ބޮޑެތިކުދިންނާއެކު އަދި އެކުދިން ރުހޭނަމަ ކަމަށްވެސް މިދިރާސާގައި ބުނެފައިވެއެވެ.

ގިލިގިިލިކޮށްޓުމަކީ ކުރީޒަމާނުއްސުރެ އަދަބެއްގެ ގޮތުންވެސް ޗައިނާމީހުން ކުރަމުންއައި ކަމެކެވެ. ސަބަބެއްކަމަށް އެމީހުން ބުނަނީ ގިލގިލިކޮށްޓުމުން ކެތްނުވެގެން އެއެޅޭއުޅުމުން އެމީހަކަށް ވަރަށް އަނިޔާވާނެކަމަށެވެ. އަދި ގިލިގިލިކޮށްޓައިގެން ލިބޭ އަނިޔާއަކީ ބޭރުފުށުން ފެންނަން ހުންނަ އަނިޔާތަކަށް ނުވާތީ ބޮޑު އަދަބެއް ދިނުމުގެ ގޮތުން ކުރަމުން ޗައިނާމީހުން ކުރަމުންއަންނަ ކަމެކެވެ.

ދިރާސާނިިިންމާލަމުން ބުނެފައިވަނީ ތުއްތުކުދިން ހާއްސަކޮށް ވާހަކަ ނުދެއްކޭވަރުގެ ކުދިންނާ ސަމާސަ ކުރުމުގެ ގޮތުން ގިލިގިލި ކޮށްޓުން މިހާރުން ފެށިގެން ހުއްޓާލުމަށެވެ. އަދި ވާހަކަ ދެއްކޭ ވަރުގެ ކުދިންގެ ގިލިގިލި ކޮށްޓާނަމަ އެކުދިން ހުއްޓާލަން އިޝާރާތް ކުރުމާއެކު ހުއްޓާލަން ޖެހޭނެކަމަށެވެ. އަދި ސަމާސަ ކުރުމަށްފަހު އެކުދިން ގެ ނޭވާކުރުވެ އެއްވެސް އުނދަގުލެއްވޭތޯ ބެލުންވެސް މުހިންމުކަމަށް މިދިރާސާގައި ބުނެފައި ވެއެވެ.