English Edition
Dhivehi Edition

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

އަދީބާ އެކު އަނބިކަނބަލުން މަރިޔަމް ނަޝްވާ ވެސް އިންޑިއާ ވަޑައިގެންނެވިއިރު އަދީބު އިންޑިއާއަށް ވަޑައިގެންނެވީ ކަރެކްޝަންސްގެ ތިން އޮފިޝަލުންނާއި ފުލުހުންގެ ތިން އޮފިޝަލުންގެ ބެލުމުގެ ދަށުންނެވެ.

ހިޔާނާތުގެ އެތައް ކުށެއްގެ ތުހުމަތު ކުރެވޭ އަދީބު ބޭސްފަރުވާއަށް ދިއުމުގެ ހުއްދަ މެޑިކަލް ބޯޑުން ދިނީ އެއް އަހަރު ދުވަހަށެވެ.

އަދީބުއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދިނުމާ ގުޅިގެން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާއިރު އެކަމާ ގުޅިގެން ހޯމް މިނިސްޓްރީއާއި، ކަރެކްޝަންސްއާއި ފުލުހުން މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ވަނީ ހާޒިރު ކޮށްފައެވެ.

އާންމުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ފުލުހުން ބުނީ ދައުލަތުގެ މަސްލަހަތާއި އަދީބުގެ ރައްކާތެރި ކަމަށްޓަކައި ވެސް ފުލުުހުންގެ އިންތިޒާމްތައް ވަރުގަދަކޮށްފައިވާކަމަށެވެ. އަދި އަދީބުއަށް ފިލާނެ އެއްވެސް ފުރުސަތެއް ނުލިބޭނެކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

އަދީބުގެ އާއިލާއިން ބުނާ ގޮތުގައި އޭނާއަށް ޖެހިފައި ވަނީ ގްލޮކޯމާ ނަމަކަށް ކިޔާ ލޮލުގެ ބައްޔެކެވެ.

ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް ކްރިމިނަލް ކޯޓުންބާތިލްކޮށްފައިވާއިރު އަދީބު މިހާރު ހުންނެވީ، ކުރިން އޮތް ޝަރީއަތުގެ މަޖިލިހެއްގައި ކޯޓުގެ ހުރުމަތް ކެނޑުއްވުމުން އިއްވި 15 ދުވަހުގެ ބަންދުގަ އެވެ.