English Edition
Dhivehi Edition

އައްޑޫގައި މަތީ ތައުލީމު ދިނުމަށް އިންސްޓިޓިއުޝަން ގާއިމުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ ބިން ކައުންސިލުން ހަމަޖައްސައިދޭ ގޮތަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މި ގޮތައް ނިންމީ 29 އެޕްރީލް 2019 ގައި ބޭއްވި އެ ކައުންސިލްގެ 91 ވަނަ ބައްދަލުވުމުގައެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ގޮތައް ނިންމީ އައްޑޫގެ ތަރައްޤީގެ ޕްލޭންގައިވާ ތައުލީމީ ސިޔާސަތު ހާސިލްކުރުމަށް މަސައްކަތް ކުރުމަށްކަމަށެެވެ.

ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާންގައި ބުނީ އިންސްޓިޓިއުޝަން ގާއިމުކުރުމަށް ބިން ބޭނުންވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 17 ޖޫން  އިން 23 ޖޫން 2019 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ފެށިގެން މެންދުރު 12:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ކަމަށެވެ. ބިޑް ބަލައިގަތުން އޮންނާނީ  30 ޖޫން 2019 ވަނަ ދުވަހު މެންދުރު 11 ޖަހާއިރު ކައުންސިލްގެ އިދާރާގައެވެ.

ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300ރ (ތިންސަތޭކަ ރުފިޔާ) އެވެ.

މި މަސައްކަތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 5 ހާސް އަކަފޫޓްގެ 2 ބިން (ޕްލޮޓް1)، 10 ހާސް އަކަފޫޓްގެ 1 ބިން (ޕްލޮޓް 2) އަދި25 ހާސް އަކަފޫޓްގެ 1 ބިން (ޕްލޮޓް 3)ކެވެ.