ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ޚިޔާލު ހުށައެޅުމަށް ހުޅުވާލައިފައިވާ ފުރުޞަތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ މުރާޖާ ކުރުމަށް ހުށައަޅައިފި އެވެ.
އެޗްއާރްސީއެމްގެ މި ހުށައެޅުމުގައި ބުނެފައިވަނީ މެންބަރުންނަށް މުސާރައިގެ ގޮތުގައި ލިބޭ 65،000 ރުފިޔާއަކީ ދައުލަތުގެ ބަޖެޓާއި އެހެނިހެން ވަޒީފާތަކަށް ކަނޑައަޅާފައިވާ މުސާރައަށް ވުރެ ބޮޑު މުސާރައެއް ކަމަށެވެ.
އެޗްއާރްސީއެމް އިން އިތުރަށް ބުނެފައިވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރާއްޖެއިން ބޭރުން މެޑިކަލް އިންޝުއަރެންސް ލިބެމުން އަންނައިރު މަޖިލީހުގެ މެންބަރުންނަށް މިހާރު ލިބެމުން އަންނަ މުސާރަ އަލުން މުރާޖާ ކުރުމަކީ މުހިއްމު ކަމެއް ކަމަށް އެ ކޮމިޝަނުން ފާހަގަ ކުރިއެވެ.
މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ގަވާއިދު ކޮމެޓީން ކުރަމުން އަންނައިރު ކޮމެޓީން ވަނީ ގަވާއިދަށް ގެންނަން ބޭނުންވާ އިސްލާހުތައް ހުށަހެޅުމަށް އާއްމު ފަރާތްތަކަށާއި ޖަމިއްޔާ ޖަމާއަތްތަކަށްވެސް ހުޅުވާލައިފައެވެ.