English Edition
Dhivehi Edition

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމަށް، އަލްފާޟިލް އަޙްމަދު އަލީ ސިވިލް ސާރވިސް ކޮމިޝަނުން މިއަދު އައްޔަނު ކުރައްވައިފިއެވެ.

ޕަރމަނަންޓް ސެކްރެޓަރީ އައްޔަނުކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީގެ ހާޒިރުގައި އެ މިނިސްޓްރީގައެވެ. ޕަރމަނަންޓް ސެކްރެޓަރީ ކޮމިޝަނުގެ ފަރާތުން އައްޔަނުކުރެއްވެވީ ކޮމިޝަނުގެ ނައިބު ރައީސް އަލްފާޟިލް ޝަހީދު މުޙައްމަދެވެ.

 ސ.ހިތަދޫ ނޮވެމްބަރގެ އަލްފާޟިލް އަޙްމަދު އަލީ އަކީ  ސަރުކާރަށްއެކި ވަޒީފާތަކުގައި 10 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. ކޮމިޝަނުން ހާމަ ކުރާގޮތުގައި 2000 ވަނަ އަހަރު އޯލެވެލް ނިންމުމަށްފަހު ވަގުތީ ޓީޗަރެއްގެ ވަޒީފާ އަދާކުރަން ފެށި ހިސާބުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ދައުލަތުގެ އެކި ވަޒީފާތަކުގައި ވަނީ މަސައްކަތްކޮށްފައެވެ. މިމުއްދަތުގެ ތެރޭގައި ސަރުކާރުގެ އޯފީސްތަކުގެ ޑިރެކްޓަރު ކަމާއި އިލެކްޝަން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާއި، 2008 އިން ފެށިގެން 2013 ގެ ނިޔަލަށް ސްކޫލް ޕްރިންސިޕަލް ކަން ވެސް ވަނީ ކުރައްވާފައެވެ.

އަލްފާޟިލް އަޙްމަދު އަލީ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން އިން ބެޗްލަރ އޮފް ޓީޗިންގް ސެކަންޑަރީ (ހިސާބު އަދި ކެމިސްޓްރީ އިން) ފުރިހަމަކޮށްފައެވެ. އަދި 2008 ވަނަ އަހަރު އިންޑިއާގެ މައިސޫރު ޔުނިވަރސިޓީ އިން މާސްޓަރ އޮފް އެޑިޔުކޭޝަން އިން ސްކޫލް މެނޭޖްމަންޓް ޙާޞިލްކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި އެއްގޮތަށް އަދި މިނިސްޓަރުގެ ލަފަޔާއެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގަވާ ދެއްވުމަށް ކޮމިޝަނުގެ ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ. އަދި އޮފީސް ހިންގެވުމުގައި ސިވިލް ސާރވިސްގެ މުވައްޒަފުންނާއި ގުޅިގެން އެކުއެކީގައި މިނިސްޓްރީ އަށް ސަރުކާރުން ކަނޑައަޅުއްވަވާފައިވާ އިޙްތިސޯސް އާއި ސިޔާސަތު ތަންފީޒުކޮށް ދެއްވުމުގައި ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއިއެކު މަސައްކަތް ކޮށްދެއްވުމަށްވެސް ކޮމިޝަނުގެ ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.