ބައިނަލްއަގުވާމީ ކެއްކުމުގެ މުބާރާތްތަކުގައި ފަނޑިޔާރުކަން ކުރެއްވުމުގެ ހުއްދަ އައްޑޫ މީހަކަށް ލިބިވަޑައިގެންފިއެވެ.
މ ހުއްދަ ލިބިވަޑައިގެންނެވީ އައްޑުސިޓީ މަރަދޫ، ތަޖްރިބާކާރު ޝެފް އިސްޙާޤް ޞޯލިޙްއެވެ.
ކެއްކުމުގެ ދާއިރާގައި އިސްހާޤް ކުރައްވާފައިވާ މަސައްކަތްތައް ބަލައިގަނެ އޭނާއަށް މިފުރުސަތު ދީފައިވަނީ ވޯލްޑް އެސޯސިއެޝަން އޮފް ޝެފް ސޮސައިޓީގެ ފަރާތުންނެވެ.
އިސްހާޤް ވިދާޅުވީ ބައިނަލްއަގުވާމީ ކެއްކުމުގެ މުބާރާތްތަކުގައި ފަނޑިޔާރުކަން ކުރެއްވުމުގެ ހުއްދަ ދިވެއްސަކަށް ލިބުމަކީ، ރާއްޖޭގައި މި ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށެވެ. އެހެންކަމުން މިފަދަ ޝަރަފެއް ލިބުމުން ވަރަށް އުފާވާ ކަމަށާއި، ބައިނަލްއަގުވާމީ ކެއްކުމުގެ ތަފާތު މުބާރާތްތަކުގައި ފަނޑިޔާރުކަން ކުރެއްވުމުގެ ފުރުސަތުތަކެއް މިހާރުވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ބައިނަލްއަގުވާމީ ކެއްކުމުގެ މުބާރާތްތަކުގައި ފަނޑިޔާރުކަން ކުރެއްވުމުގެ ހުއްދަ ހޯދުމަށްޓަކައި އިސްހާޤް ވަނީ ބައިނަލްއަގްވާމީ ހަތް މުބާރާތެއްގައި ފަނޑިޔާރުކަން ކުރައްވާފަ އެވެ. އިސްހާޤް އަކީ ކަލިނަރީ މުބާރާތްތަކުގައި ވަރަށް ގިނަ ފަހަރު ރާއްޖެ ތަމްސީލު ކުރައްވާ ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ފަރާތެކެވެ.
ޝެފް އިސްހާޤް ވިދާޅުވީ މި ސެޓިފިކެޓް ލިބިވަޑައިގަތުމަކީ އެހާ ފަސޭހައިން ކުރެއްވޭ ކަމެއް ނޫން ކަމަށެވެ. އެގޮތުން ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ރުކީ ޖަޖެއްގެ ގޮތުގައި ހުންނަވާއިރު ބައިނަލްއަގްވާމީ ކަލިނަރީ މުބާރާތްތަކުން ޓްރެއިނިންގައި އުޅޭ ފަނޑިޔާރުންނަށް ލިބޭ ފުރުސަތުތައް މަދުވުންކަން ޝެފް ވަނީ ފާހަގަކުރައްވާފަ އެވެ.
އިސްޙާޤު ފާހަނގަ ކުރައްވާ ގޮތުގައި މިކަމަށް ދިމާވާ އެންމެ ބޮޑު ދަތިކަމަކީ، ޤައުމުތަކަށް ދަތުރު ކުރުމަށް ކުރަންޖެހޭ ޚަރަދާއި އެޤައުމުތަކުގައި ހުރުން ފަދަ ކަންކަމަށް ބޭނުންވާ ޚަރަދު ހަމަޖެއްސުމެވެ.
އިސްހާޤް މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވިލާ ހޮޓެލްސް އިން ހިންގާ ޕެރަޑައިސް އައިލެންޑް ރިސޯޓުގެ އެންމެ އިސް ޝެފްގެ މަގާމުގަ އެވެ.