English Edition
Dhivehi Edition

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮންމެ ބައްދަލުވުމަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

އެ ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޒަހީން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ ޖޭއެސްސީގެ ކޮންމެ ބައްދަލުވުމަކަށްފަހު ވެސް އެ ބައްދަލުވުމުގައި ހިނގާ މުހިންމު ކަންކަމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދީ، ސުވާލު ކުރުމަށް ފުރުސަތު ދޭނެ ކަމަށެވެ.

ޖޭއެސްސީން ނޫސްވެރިންނާއި ބައްދަލުކުރިއިރު މި ބައްދަލުވުމުގައި ފުރަތަމަ ފަހަރަށް އާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މަޖިލިސް މެންބަރުންގެ ފަރާތުން ޖޭއެސްސީއަށް އައްޔަން ކުރެއްވި ތުޅާދޫ ދާއިރާގެ މެންބަރު އަލްއުސްތާޒާ ހިސާން ހުސެއިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި މުހިންމު ނިންމުންތަކެއް ވެސް ނިންމާފައިވެ އެވެ. އެގޮތުން ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ޖޭއެސްސީން ވަނީ ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ވަނީ ނިންމާފަ އެވެ. މިއީ ޖޭއެސްސީގެ ތާރީހުގައި ފަނޑިޔާރަކު މަގާމުން ވަކި ކުރަން ނިންމި ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުގައި ޖޭއެސްސީގެ 10 މެންބަރުންގެ ތެރެއިން ނުވަ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. ރިޔާސަތު ބެލެހެއްޓެވީ ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.