English Edition
Dhivehi Edition

ރާއްޖެ އިން ބޭރުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށް ހުޅުވާލި ލޯނު ފުރުސަތަށް އެދި ހުށަހެޅި 900 އަށްވުރެ ގިނަ ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު ލޯނަށް ނުހޮވުމުގެ ސަބަބުން ހަޔަ އެޑިޔުކޭޝަން މިނިސްޓްރީ އަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ހުޅުވާލިޖާގަތަކުގެ ތެރެއިން ބާކީ އޮތް 163 ޖާގަ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުރަތަމަ ހުޅުވާލި ފުރުސަތުގައި ލޯނު ލިބޭކަމަށް ކަނޑައަޅާފައިވަނީ 79 ދަރިވަރަކަށެވެ. ދެވަނަ ފަހަރަށް ހުޅުވާލި މި ފުރުސަތަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ މިމަހުގެ 24 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިންނެވެ. އަދި މި ފުރުސަތުގައި ދަރިވަރުން ބޭނުން ކޮންމެ ގައުމަކަށް ކިޔަވަން ދިއުމުގެ ފުރުސަތު ލިބޭ ގޮތަށް ހަޔާ އެޑިޔުކޭޝަނުން ވަނީ އުސޫލު ބަދަލުކޮށްފަ އެވެ.

ކުރިން ލޯނަށް އެދެވެނީ ވަކި ކަނޑައަޅާފައި ގައުމުތަކަކަށް ދާނަމަ އެވެ. އެ ގައުމުތަކަކީ ފިލިޕީންސް، ތައިލެންޑް، ޗައިނާ، ކިރްގިސްތާން، އަޒަރްބައިޖާން، ޔޫކްރޭން، ޗެކް ރިޕަބްލިކް، ރަޝިއާ އަދި ސާކްގެ ގައުމުތަކެވެ.

ބޭރު ގައުމުތަކުގެ ޔުނިވާސިޓީތަކަށް ދާން ބޭނުންވާ ފަރާތްތަކަށް ދަރިވަރުންގެ ލޯނުގެ ނަމުގައި ޖުމްލަ 242 ފުރުސަތެއް ހުޅުވާލިއިރު ލޯނު ހަމަޖެހުނީ އެންމެ 79 ފަރާތަކަށެވެ. ލޯނަށް އެދި 993 މީހުން ފޯމު ލިއެވެ.