ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް “ސްކީމް” ގެ ނަމުގައި ދެކުނުގެ 4 އަތޮޅަށް ޚާއްޞަ ޖަމިއްޔާއެއް މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓްގައި ރަޖިސްޓްރީކޮށްފިއެވެ.
އައްޑޫސިޓީ، ފުވައްމުލަކު ސިޓީ އަދި ގއ އާއި ގދ ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި ޖަމިއްޔާގެ ފައުންޑަރުން ނަކީ ސ.ހިތަދޫ އާސްޓްރަލްގެ ޝިމްލާ އަޙްމަދު، ސ. ހިތަދޫ ނޮވެމްބަރުގެ އާމިނަތު އަލީ، ސ. ހިތަދޫ އަލްމާސް ފާތިމަތު ނަސްރަތު އަދި ސ.މަރަދޫ މަހި ނޫރު ދިހުޝާނާއެވެ.
މުޅިން ތަފާތު މޮޑެލް އަކަށް ކުރިއަށް ގެންދާ މި ޖަމިއްޔާގައި ދެކުނުގެ ކޮންމެ އަތޮޅަކުން ވަކި ހިންގާ ކޮމެޓީއެއް އެކުލަވާލާ އެ އަތޮޅެއްގައި ކުރިއަށް ގެންދާ ހުރިހާ ހަރަކާތެއް އެ ޓީމު އިސްކޮށް އޮވެގެން ކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ.
އަންހެނުން ބިނާ ކުރުމާއި ތަފާތު އެކި ދާއިރާތަކުން އަންހެނުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ފުރުސަތުތައް ފަހިކޮށްދީ އަންހެން ލީޑަރުން އުފެއްދުމުގެ މަގްޞަދުގައި މަސައްކަތް ކުރާ މި ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވާނީ މުޅިން ވެސް އަންހެން ކަނބަލުންނެވެ. ނަމަވެސް ޖަމިއްޔާގެ ތަފާތު އެކިއެކި މަގާމުތަކުގައްޔާއި އާންމު މެމްބަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ފިރިހެން ބޭފުޅުން ނަށް ވެސް ލިބިދެވެއެވެ.
ސްކީމް ރަސްމީކޮށް ރަޖިސްޓްރީ ވުމާއެކު މިހާރު ކުރިއަށް ދަނީ 4 އަތޮޅުގައި އުފައްދާ ހިންގާ ކޮމެޓީތައް އުފައްދައި ޖަމިއްޔާއަށް މެމްބަރުން ހޯދުމުގެ މަސައްކަތް ކަމުގައި އެ ޖަމިއްޔާއިން ބުނެއެވެ. އެގޮތުން އައްޑޫގެ ހިންގާ ކޮމެޓީ މިހާރު އުފައްދާފައިވާ ކަމަށާއި ޖޫން މަހުގެ ތެރޭގައި ފުވައްމުލައް، ގދ އަދި ގއ އަށް ޒިޔާރަތް ކޮށް އެ ތިން ސަރަހައްދުގައި ހިންގާ ކޮމެޓީ އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
ސްކީމް ރަސްމީކޮށް ލޯންޗްކޮށް ޖަމިއްޔާގެ މަސައްކަތް ރަސްމީގޮތެއްގައި ފަށާނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ކަމަށް ވެސް ޖަމިއްޔާއިން ބުނެއެވެ.