English Edition
Dhivehi Edition

ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަންކަން މަޖިލީހުގެ ތެރެއިން ކުރުމަށްޓަކައި މަޖިލީހުގެ ގާނޫނު އަލުން އެކުލަވާލަން ޖެހޭއިރު ރައްޔިތުންގެ ހިޔާލަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް އައްޑޫސިޓީގެ މަރަދޫ ދާއިރާގެ މެމްބަރު  އިބްރާހިމް ޝަރީފް( މަވޯޓާޝަރީފް ) ވިދާޅުވެއްޖެ އެވެ.

ވީނިއުސް ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މަޖިލީހުގެ ގަވައިދުތައް އަލުން އިސްލާހު ކުރަން އެކުލަވާލާފައިވާ ކޮމެޓީގެ މުގައްރިރު މެމްބަރު ޝަރީފް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ކަންކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ ގަވައިދުތަކެއް ވަނީ ބަދަލު ކޮށްފައި ކަމަށެވެ. އެގޮތުން ގެނެވިފައިވާ ބަދަލުތަކުގެ ތެރޭގައި ނުރަގަޅު ބަދަލުތައް ގިނަކަމަށް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީސް ހިންގާ ގަވައިދު އިސްލާހު ކުރުމަށް ސިޔާސީ ޕާޓީތަކަށާއި އާންމުންނަށް ހުޅުވާލެވިފައިވާ ފުރުސަތު ޖޫން މަހުގެ 9 ވަނަ ދުވަހަށް ހަމަވާނެ ކަމަށް، ޝަރީފް ވިދާޅުވިއެވެ.

“ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމަށް މަޖިލީހުން އަޅުގަނޑުމެންނަށް ދީފައިވަނީ 30 ދުވަސް. އަދި މިހާރު އަޅުގަނޑުމެން އޮންނާނީ މި ގަވައިދާސް ރައްޔިތުންގެ ތެރެއިން އާންމުންނާއި ސިޔާސީ ޕާޓީތަކުން ހިޔާލު ހުށައެޅުމަށް ހުޅުވާލާފަ. މާދަމާ (ހޯމަދުވަހު) ގެ ނިޔަލަށް ހިޔާލު ހުށައެޅުމުގެ ފުރުސަތު ހަމަވާނެ. އެއަށްފަހު އަޅުގަނޑުމެންނަށް ލިބޭ ހުރިހާ ހިޔާލެއް އެއްކޮށްގެން ގަވައިދަށް ގެންނަންޖެހޭ ބަދަލެއް ގެނައުމުގެ މަސައްކަތް ކުރާނަން” ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރައްޔިތުން މަޖިލީހުގައި ނިމިދިޔަ ދައުރުގައި ދިމާވި އެންމެބޮޑު ގޮންޖެހުމަކީ އިދިކޮޅު ފަރާތްތަކަށް މަޖިލީހުގައި ވަކާލާތު ކުރުމުގެ ފަރުސަތަު ހަނިވެގެން ދިއުން ކަމަށެވެ. ސަބަބަކީ މަޖިލީހުގެ ގަވައިދު އެކުލަވާލާފައި ވާގޮތުން މަޖިލީހުގައި ހިޔާލު ހުށައެޅުމުގެ ފުރުސަތު ބޮޑުވަނީ މެޖޯރިޓީ އޮންނަ ޕާޓީއަކަށް ކަމަށްވާތީ ކަމަށެވެ.

އެހެންނަމަވެސް މަޖިލީހުގައި ރައްޔިތުން ތަމްސީލްކުރާ ހުރިހާ ޕާޓީތަކަކަށްވެސް ހަމަހަމަ ފުރުސަތުތަކެއް ލިބުމަކީ މަޖިލީހުގެ ތެރެއިން ރައްޔިތުން އެދޭގޮތަށް ކަންކަން ކުރުމަށް ހުޅުވާލެވޭ ފުރުސަތެއްކަމަށް ދެކެވަޑައި ގަންނަވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމަށް އެކުލަވާލާފައިވާ ކޮމެޓީން އެންމެ ފުރަތަމަ މަޖިލީހުގެ ތަޅުމަށް ހުށައެޅި އިސްލާހަކީވެސް މަޖިލީހުގައި ވާހަކަ ދެއްކުމަށް މެންބަރުނަށް ދެވޭ ވަގުތު އިތުރުކޮށް، ހުރިހާ މެންބަރުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ އިސްލާހެވެ. އެ އިސްލާހު މަޖިލީހުންވަނީ ފާސްވެސް ކޮށްފައެވެ.