English Edition
Dhivehi Edition

ބްރޮކޮލީ އަކީ ވިޓަމިން ކޭ، ސީ، ފޮލިކް އެސިޑް، ޕޮޓޭޝިއަމް އަދި ފައިބަރ އެކުލެވޭ މިނެރަލްސް އިން މުއްސަނދިވެފައިވާ ތަރުކާރީއެކެވެ. ކާލީފްލާވާ، ކެބެޖް އަދި ބްރޮކޮލީފަދަ ތަރުކާރީއަކީ ބޮނޑިކޮށް ހުންނަ އެއްޗަކަށް ވުމުން އޭގައި އަޅާފައި ހުންނަ ފަންޏާއި އޭގެ ބިސްތައް އަޅުގަނޑުމެންނަށް ހަމަލޮލަށް ނުފެނުމަކީ ކައިރި ކަމެކެވެ. އެހެން ކަމުން މިތަކެތި ބާޒާރުން ގަނެގެން އައިސް ވަރަށް ރަނގަޅަށް ދޮވެ ސާފްކޮށްގެން ނޫނީ ބޭނުން ނުކުރުން ބުއްދިވެރިއެވެ.

ބްރޮކޮލީ ގައިހުންނަ ފަނިތަކާއި އޭގެ ބިސް ފިލުވާނެގޮތް: 

އެންމެފުރަތަމަ ބްރޮކޮލީގެ ބޭރު ރަނގަޅަށް ދޮވެލާށެވެ. ދެން ވަޅިއަކުން، ފޮޓޯގައި ފެންނަގޮތަށް އެތިކޮޅު ކޮޅު ވަކިކުރަމުންދާށެވެ.

އެއަށްފަހު ވަކިކުރި އެތިކޮޅުކޮޅުވެސް މެދުން ދެފަޅިކޮށްލާށެވެ.

ދެން ބްރޮކޮލީގެތެރެއަށް ފެން އެޅުމަށްފަހު ކުޑައިރުކޮޅެއް ވަންދެން ބެހައްޓާށެވެ.

ދެން ފެން އެޅުމަށްފަހު އިރުކޮޅަކުން ލޮނު އަދި ފުށްކޮޅެއް އެޅުމަށްފަހު ސަމްސަލަކުން ރަނގަޅަށް ގިރާލާފައި ބަހައްޓާށެވެ.

މިގޮތަށް އިރުކޮޅަކު ބެހެއްޓުމަށްފަހު ފެންގަނޑު ގެ ކުލަ ބަދަލުވީމަ ބްރޮކޮލީ ނަގާފައި އަލުން ދޮވެލާށެވެ.

ބްރޮކޮލީ ކެމަށް ބޭނުންކުރުމުގެ ކުރިން އަބަދުވެސް މިގޮތަށް ދޮވެގެން ބޭނުން ކުރުން ރަނގަޅެވެ.