English Edition
Dhivehi Edition

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި 180 ކްރޯޑް ރުޕީސް ގެ 2 މަޝްރޫއު ފަށްޓަވާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ. އެއީ 26 މިލިއަން ޑޮލަރެވެ.

މޯދީގެ ދަތުރާ ބެހޭގޮތުން އެގައުމުގެ ފޮރިން ސެކެޓްރީ ވިޖޭ ކެޝާވް ވިދާޅުވީ މޮދީގެ ދަތުރުގައި ރާއްޖޭގައި ކޯސްޓަލް ރާޑަރު ސިސްޓަމް ބެހެއްޓުމާއި އަދި އެމްއެންޑީއެފްގެ ޓްރެއިނިން ސެންޓަރުގެ މަޝްރޫއު އިފްތިތާހްކޮށްދެއްވާނެ ކަމަށެވެ.

މި ދެ މަޝްރޫއު އިއުލާނު ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަރެންދްރަ މޯދީއެވެ.

މީގެ އިތުރުންވެސް ގިނަ އެހީތަކެއް ރާއްޖެއަށް ދިނުމަށް އިންޑިއާއިން ވަނީ ނިންމާފައެވެ. އެގޮތުން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ދިނުމާއި 36 ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމްކުރުމާ، އައްޑޫ ސިޓީގައި އާބަން ޑިވެލޮޕްމަންޓް ސެންޓަރެއް ގާއިމް ކުރުމުގެ އިތުރުން އެސްއެމްއީ ލޯން ޕްރިޖެކްޓެއް ހިމެނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވިޖޭ ވަނީ ރާއްޖޭގައި ކްރިކެޓް އިތުރަށް ކުރިއެރުވުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުންވެސް ވާހަކަ ދައްކަވައިފައެވެ. އެގޮތުން ރާއްޖެއަށް ކްރެޑިޓު ފެސިލިޓީސްއަށް ދީގެން ނޫނީ އެހެން ގޮތްގޮތުން ފައިނޭންސްކޮށްގެން ކްރިކެޓް ސްޓޭޑިއަމްއެއް އެޅުމާއި ރާއްޖޭގެ ޒުވާން ކްރިކެޓް ކުޅުންތެރިންނަށް ރާއްޖެއާއި އިންޑިއާގައި ތަމްރީން ދިނުމަށް ވިސްނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ

މީގެ އިތުރުން  އައިޓީ ދާއިރާއިން ކިޔެވުމަށް ރާއްޖޭގެ ދަރިވަރުންނަށް ދޭން ކަނޑައަޅާފައިވާ 1000 ސްކޯލާޝިޕް މިހާރު ފަށާފައި ވާކަމަށާއި ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި 1000 ހަމަވާނެ ކަމަށް އިންޑިއާއިން ބުނެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ އިތުރުން، ނައިބު ރައީސް ފައިސަލް ނަސީމާއި ސިޔާސީ ބައެއް އިސް ފަރާތްތަކާ މޯދީ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މޯދީ ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހުއެވެ.