English Edition
Dhivehi Edition

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ވަޑައިގަންނަވާއިރު، އެމަނިކުފާނު ބޭނުންފުޅުވަނީ މެންބަރުންނަށް ނަމާދުކުރެއްވުމަށް ވަގުތު ދެއްވުމަށްފަހު މަޖިލީސް ޖަލްސާ ފެއްޓެވުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މޯދީ ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރައްވަން މަޖިލީހުގެ އެޖެންޑާގައިވާ ގޮތުން އަންނަ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:45 ގައެވެ. އެ ވަގުތަކީ މަޣުރިބު ނަމާދާއި އިޝާ ނަމާދާ ދެމެދުގެ ވަގުތު ކަމަށް ވާތީ، އެ ވަގުތަށް ޖަލްސާ ބޭއްވުމަށް އެޖެންޑާކޮށްފައި ވާތީ މަޖިލީހުގެ ބައެއް މެމްބަރުން ގެންދެވީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ

މިކަމާ ގުޅިގެން މަޖިލީހުގެ އިދާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މެންބަރުންނަށް ނަމާދުކުރެއްވުމަށް ވަގުތު ދެއްވުމަށްފަހުކަމަށް މަޖިލީހުގެ ޖަލްސާގައި ތަގުރީރުކުރެއްވުމަށް މޯދީ ނިންމަވާފައިވާކަމަށެވެ. އަދި އެގޮތަށް ބަދަލުކުރެއްވީ ހޮނިހިރު ދުވަހު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތަކީ މަޢުރިބު ނަމާދު ވަގުތާއި ކައިރިވަގުތަކަށްވުމުން، ނަމާދުކުރުމަށް މެންބަރުންނަށް ފުރުސަތު ދެއްވުމުގެ ގޮތުންކަމަށެވެ.

އެހެންކަމުން ބޮޑުވަޒީރު ތަގުރީރުކުރައްވާ ޖަލްސާ ފެށޭނީ މެންބަރުންނަށް ނަމާދުކުރުމަށް ވަގުތު ދިނުމަށްފަހުކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހު މަޣްރިބް ނަމާދު ވަގުތުވާނީ 6:17ގައެވެ. އަދި އިޝާ ނަމާދު ވަގުތަކީ 7:35ކެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އިޝާ ނަމާދަށް ބަންގިގޮވުމުގެ ކުރިން ޖަލްސާ ނިންމާލައްވާނެކަމަށެވެ.