English Edition
Dhivehi Edition

ކޯޓު އަމުރާއެކު އޮސްޓުރޭލިއަން ބްރޮޑްކާސްޓިން ކޯޕަރޭޝަން (އޭބީސީ) އޮސްޓުރޭލިއާގެ ފުލުހުން ފާސްކޮށްފިއެވެ. އޮސްޓުރޭލިއާގެ ފުލުހުން ސިޑްނީގައި ހުންނަ އޭބީސީގެ މައި އިދާރާއަށް ވަދެ ފާސްކޮށްފައިވަނީ އެ މީޑިއާގެ ދެ ނޫސްވެރިއަކާއި ގުޅޭ މައްސަލައެއް ބެލުމަށް ކަމަށް ކޯޓު އަމުރުގައި ވެއެވެ. އަންގާރަ ދުވަހު ފުލުހުން ވަނީ މިދެ ނޫސްވެރިންގެ ގެވެސް ފާސްކޮށްފައެވެ.

ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންވަނީ ފުލުހުންގެ މި އަމަލު ވަރަށް ބޮޑަށް ކުއްވެރި ކޮށްފައެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމާއި ދެކޮޅަށް ފުލުހުން ހިނގި އަމަލެއް ކަމަށް ސިފަކޮށްފައި ވެއެވެ.

އޭބީސީގެ އެމްޑީ ޑޭވިޑް އެންޑަރސަން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭބީސީ އިން އެ ނޫސް އެޖެންސީގެ ނޫސްވެރިންގެ ހައްގުގައި ދެމިހުންނާނެ ކަމަށާއި ޚަބަރު ފޯރުކޮށްދޭ ފަރާތްތައް ރައްކާތެރިކޮށް އަދި ޚަބަރުތައް ގެނެސްދިނުމުގައި ފަހަތައް ނުޖެހި މަސައްކަތް ކުރާނެ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭބީސީގެ ދެ ނޫސްވެރިންގެ މައްސަލަ އޮސްޓުރޭލިއާ ފުލުހުން ބަލަމުންދަނީ އެ ދެ ނޫސްވެރިން، އޮސްޓުރޭލިއާ ސިފައިން އަފްޤާނިސްތާނުގައި ހިނގި ލާއިންސާނީ އަމަލުތަކާއި ގުޅޭ ގޮތުން ލިއުނު ލިއުންތަކަކާއި ގުޅިގެންނެވެ.

މި ލިއުންތަކަކީ ސަތޭކަ އެތަށް ސަފްހާ އަކަށް ބޮޑު ލިއުންތަކެކެވެ. އޮސްޓުރޭލިއާ ސިފައިން އަފްޤާނިސްތާނުގައި ހިނގި ލާއިންސާނީ އަމަލުތަކާއި ގުޅޭ ގޮތުން ލިއުނު ރިޕޯޓް ނެރެފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި 10 ވަނަ ދުވަހުގައެވެ.