English Edition
Dhivehi Edition
މީދޫގައި ތައްޔާރުކޮށްފައި ވާ އީދް ސައި-- ފޮޓޯ: ލުބްނާ މަޖީދް މުހްތާރު / އޭއޯނިއުސް

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފިތުރު ޢީދު ފާހަނގަ ކުރުމަށްޓަކައި ގިނަހަރަކާތްތަކެއް ކުރިއަށް ގެންދާ މިދުވަސް ފެށުމަށްޓަކައި ޢީދު ނަމާދަށްފަހު ބޭއްވި ޢީދު ސައިގައި ބޭންކް އޮފް މޯލްޑިވްސް އިން ބައިވެރި ވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މިއަހަރު ޢީދު ސައިގައި ބައިވެރިވެފައިވަނީ ރާއްޖޭގެ އަށް ރަށެއްގައެވެ. އެރަށްތަކަކީ ހއ. ހޯރަފުށި، ށ. ފުނަދޫ، ނ. ހޮޅުދޫ، ޅ. ނައިފަރު، އއ. ރަސްދޫ، ވ.ފެލިދޫ، މ. މުލި އަދި ސ. ހުޅުމީދޫއެވެ.

ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަން އާލާކޮށް އިޖްތިމާއީ ގުޅުން ބަދަހިކަން ފެނިގެންދާ އެއްކަމަކީ ޢީދު ސަޔެވެ. ކުޑަ އީދު ވިޔަސް އަދި ބޮޑު އީދު ވިޔަސް ޢީދު ނަމާދަށްފަހު ރާއްޖޭގެ ގިނަ ރަށްތަކުން ފެންނަ އެންމެ ރީތި މަންޒަރަކީ މިފަދަ މުނާސަބަތު ތަކުން ފެންނަ އެކުވެރިކަމެވެ. އެކުވެރިކަން، އާލާކޮށް މުޖްތަމައުގެ އެކުވެރިކަން ބަދަހިކުރުމުގެ މަގުސަދުގައި އަބަދުވެސް ބާއްވަމުން އަންނަ ޢީދު ސައިގައި، މިފަހަރު ބީއެމްއެލް އިން ބައިވެރި ވުމުން ޢީދުސަޔަށް އިތުރު ފުރިހަމަ ކަމެއް ލިބިފައިވާކަމަށް އައްޑޫ ސިޓީ މީދޫއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ، ޢީދުސައި ތައްޔަރުކޮށްފައިވަނީ ރަށުގެ ކައުންސިލްތަކާއި، މަދަނީ ޖަމިއްޔާތަކާއި އަދި އާންމު ފަރުދުންނާއި ގުޅިގެން އެފަރާތްތަކުގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުހައްމަދު ސައީދު ވިދާޅުވީ، ކުދިބޮޑު އެންމެން ޢީދު ސައިގައި ބައިވެރިވެ އެއްކޮށް ސައިބަޮއި ވާހަކަ ދައްކާލާ މަންޒަރަކީ އުފާވެރި މަންޒަރެއް ކަމަށެވެ. އަދި ޢީދުފަދަ މުނާސަބަތަކުގައި އެއްކޮށް މިގޮތަށް އީދު ސައިބާއްވާލުމަކީ އެކުވެރިކަން ބަދަހިވާކަމެއް ކަމަށް ވިދާޅުވިއެވެ.

“މިފުރުސަތުގައި ބޭންކްގެ ބްރާންޗްތަކުގެ މުވައްޒަފުން މިކަމަށް އިސްނަގައިގެން ކޮށްދެއްވި މަސައްކަތަށް ވަރަށްބޮޑަށް ޝުކުރުއަދާކުރަން، އަދި ހަމަ އެހެންމެ މިރަށްތަކުގެ ރައްޔިތުންގެ ފަރާތުން މިކަމަށް ދެއްވި އެހީތެރިކަމާއި އެއްބަރު ލެއްވުމަށް އެފަރާތްތަކަށްވެސް ހާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑު މެންގެ އުންމީދަކީ ކުރިއަށް އޮތްތާނގައިވެސް މިފަދަ ހަރަކާތްތަކެއް ވީހާވެސް ގިނަރަށް ތަކުގައި ބޭއްވިގެން ދިޔުން” ސައީދު ވިދާޅުވިއެވެ.

ފިތުރުޢީދާއި އަޟްހާ ޢީދަކީ ރާއްޖޭގައި ޒަމާނުއްސުރެ ވަރަށް ކުލަގަދަކޮށް ފާހަނގަ ކުރަމުން އަންނަ ދުވަސްތަކެވެ. އެގޮތުން ސަގާފީ ޢީދު ކުޅިވަރު ކުޅުމާއި ޢީދު ހަދިޔާ ބަދަލުކުރުން ހިމެނެއެވެ.