English Edition
Dhivehi Edition

ފިޠުރު ޢީދު ބަންދާ ދިމާކޮށް ކަނޑު އުޅަނދުފަހަރު ބަލާ ފާސްކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑުރަން އިން މިއަދު ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ޕްރޮގްރާމްގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންތައްތައް ފުރިހަމަ ކުރެވިފައިވޭތޯ ބެލުމަށްވަނީ ހަމަޖެހިފައިވާކަމަށެވެ. މީގެ ތެރޭގައި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއި، އުޅަނދުފަހަރުގެ މުއާސަލާތީ ވަސީލަތްތައް ހުރީ ރަނގަޅަށްތޯ ބެލުމާއި އަދި އުޅަނދުގައި މީހުން އުފުލުމަށް ކަނޑައެޅިފައިވާ އަދަދަށް ވުރެ ގިނައިން މީހުން އުފުލާތޯ ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ހަމަޖެހިފައިވާކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިއީ ތިން ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމްގައި މާލޭގެ ބަނދަރު ސަރަހައްދުންނާއި ކަނޑުމަތިން އުޅަނދުތައް ބަލާ ފާސްކުރުމުގައި އެމްއެންޑީއެފް މާލޭ އޭރިއާގެ ކޯސްޓްގާޑުގެ އުޅަނދުތައް ހަރަކާތްތެރިވާނެވެ.

އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑުރަންއިން ފެށި މި ޕްރޮގްރާމަކީ ފިޠުރު ޢީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ރައްޔިތުން ކަނޑުމަގުން ދަތުރު ކުރާ ދުވަސްވަރެއްކަމުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.